މާލެ ސަރަހައްދުގެ ކޮންމެ ބަސް ސްޓޮޮޕަކަށް ބާރުބޮޑުވާ ވަގުތުތަކުގައި ކޮންމެ 10 މިނެޓުން ނުވަތަ 15 މިނެޓުން ބަސް ދަތުރުތައް ކުރާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން މާލޭގެ ބަހުގެ ހިދުމަތަށް އަލަށް ތައާރަފްކުރާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަސްތައް ތައާރަފް ކުރުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ، މި ހިދުމަތް ވެގެން ދާނީ ފަސޭހަ، އަދި ފުރިހަމަ ހިދުމަތަކަށް ކަމަށެވެ.

"މި ހިދުމަތް ވެގެން ދާނީ ބަރާބަރު ގަޑިއަށް ބަސް ސްޓޮޕްތަކަށް ބަސް އަންނާނެ ކަމަށް ޔަގީންކަން ރައްޔިތުންނަށް ލިބިގެން ދާނެ ހިދުމަތަކަށް. ވަރަށް ފަސޭހަ، އެހާމެ ފުރިހަމަ ހިދުމަތަކަށް."
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ މެދު ތެރޭގައި އެމްޓީސީސީއަށް ރާއްޖޭގެ ޓްރާންސްޕޯޓުގެ ކަންކަން ހަވާލު ކުރިއިރު، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ގާއިމްކޮށްފައި ވަނީ ވަށާ ޖެއްސޭނެ އެއްވެސް ވިސްނުމެއް އަދި ރޭވުމެއް ނެތި، "އޮޅުން ސުވާލެއް"ގެ ގޮތުގައެވެ.

ނަމަވެސް މި ސަރުކާރުން އެ ހިދުމަތް ދޭނީ ތަރުތީބުން ކަމަށް ވިދާޅުވެ، އެ މަޝްރޫއަކީ ނަމޫނާ މަޝްރޫއެއްގެ ގޮތުގައި ވަނީ ސިފަ ކުރައްވައިފައެވެ. އެގޮތުން ބަސްތައް ބަހައްޓާނެ ތަނެއް އަދި ބަސްތައް މަރާމާތު ކުރާނެ ތަނެއް އޭރު ހޯދިފައި ނެތް ނަމަވެސް މިފަދަ ވެހިކަލްތައް މަރާމާތު ކުރާނެ ތަނެއް، ތަމްރީނުވެފައިވާ މެކޭނިކުންނާއި ޓެކްނިކަލް މީހުން ވެސް އެހާމެ މަދު ކަމަށް އާޒިމް ވިދާޅުވިއެވެ.

"މި މަޝްރޫއަކީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހިންގޭ ނަމޫނާ މަޝްރޫއެއް."
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

މާލޭގެ އިތުރުން، ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި އެމްޓީސީސީން ދެމުންދާ ބަހުގެ ހިދުމަތްތައް ރަނގަޅުކޮށް، އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ އިތުރުން ހައްދުންމަތީގައި ވެސް އާ ބަސްތަކެއްގެ ހިދުމަތް އަންނަ މަހުން ފެށިގެން ދެމުން ގެންދާނެ ކަމަށާއި، އޭގެ އިތުރުން އަންނަ މަހުން ފެށިގެން މާލޭގައި މިނީބަހުގެ ހިދުމަތް ދޭން ފަށާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ބަސް ސްޓޮޕްތައް ހުރި ނަމަވެސް، ބަސް ހުއްޓާ ވަގުތުތައް ލަސްވެ، ދާން ބޭނުންވާ ތަނަކަށް ވަގުތަށް ނުދެވުމަކީ ބަހުގެ ހިދުމަތް ބޭނުންކުރާ ބައެއް އާންމުންގެ ކަންބޮޑުވުމެކެވެ. އެކަމަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ، މިރެއިން ފެށިގެން ކޮންމެ ބަސް ސްޓޮޕްއަކަށް ކޮންމެ 15 މިނެޓަކުން ބަހެއް ހުއްޓާނެ ކަމަށެވެ. އަދި ބައެއް ގަޑިތަކުގައި ފަސް މިނެޓުން ވެސް ބަަަސް ދަތުރު ކުރާނެ ކަމަށް ވިދާޅުވިއެވެ.

މިރެއިން ފެށިގެން މި ބަދަލު ފެންނާނެ ކަމަށާއި މި ހިދުމަތަށް ބޭނުންވާ ބަސްތައް ގެނެސް މުވައްޒަފުން ވެސް ތިބީ ތައްޔާރަށް ކަމަށް އާޒިމް ވިދާޅުވިއެވެ.