ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ޝަކުވާތަކަށް ހައްލެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ރާއްޖޭ ޓްރާންސްޕޯޓް ލިންކްގެ ބަސް ދަތުރުގެ ހިދުމަތް އިފްތިތާހް ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން، މި ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކުގެ ދަރިންނަށް ތައުލީމު ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ސްކޫލްތައް އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަން ރައީސް ފާހަގަކުރެއްވިއެވެ.

ހުޅުމާލޭ ފޭސް 2 ގައި 8 ސްކޫލަކާއި، އިތުރު 2 ޕްރީސްކޫލް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައި. އޭގެތެރެއިން މިހާރު 1 ސްކޫލާއި، 2 ޕްރީސްކޫލްގެ މަސައްކަތް ނިމި، މިހާރުވަނީ ހުޅުވިފައި. އަދި މިހާރު ކުރިއަށްދާ ޞަލާޙުއްދީން ސްކޫލްގެ އިރާދަކުރެއްވިއްޔާ، 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ހުޅުވި، ކުދިންނަށް ސްކޫލަށް ދެވޭވަރު އިރާދަކުރެއްވިއްޔާ ކުރެވޭނެ. އަދި އިތުރަށް ކުރިއަށްދާ ޕްރީސްކޫލްގެ 2 ސްކޫލް، 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރެއަށް ނިންމައި ހިދުމަތް ދެވޭވަރުވާނެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މީގެ އިތުރުން މިހާރުވެސް އެ ސަރަހައްދު (ޕޭސް 2) ގައި ސަރުކާރުން އަޅާފައިވާ ވަގުތީ 2 މިސްކިތާއި، އަމިއްލަ ފަރާތަކުން އަޅާފައިވާ 2 މިސްކިތް އެބަ ބޭނުންކުރަމުންދާ ކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން މިހާރުވެސް 3000 މީހުންގެ މިސްކިތެއް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަދި އަމިއްލަ ފަރާތަކުން އިތުރު މިސްކިތެއް ހުޅުމާލެ ފޭސް 2 ގައި އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައިސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސިއްހީ ހިދުމަތް، ހުޅުމާލޭ ފޭސް 2ގެ ހިޔާ ފްލެޓްތަކުން ދިނުމަށްޓަކައި 3 ކްލިނިކަކާއި، 3 ފާމަސީގެ ހިދުމަތް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި އޭގެއިތުރުން، ހުޅުމާލޭ ފޭސް 2 ގައި އިތުރު ހޮސްޕިޓަލާއި، އިތުރު ސިއްހީ ހިދުމަތްތައް ލިބޭނެ ވަސީލަތްތައް ގާއިމުކުރުމަށް، މިހާރުވެސް އެޗްޑީސީގެ ފަރާތުން ގެންދަނީ ބީލަމަށްލައި، އެކަމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން އަދިވެސް ކަންބޮޑުވުންތައް ހިއްސާކުރަމުންދާ ކަން ފާހަގަކުރައްވާ ރައީސް އޮފީހަށް ޝަކުވާތައް އަންނަ ކަމަށް ވިދާޅުވެފައެވެ.

އެންމެ ފުރަތަމަ ކަމަކަށް ހުށަހަޅާފައިވަނީ، ހިޔާ ފްލެޓްގެ ކުލި ބޮޑު ވާހަކަ ކަމަށާއި އަދި އޭގެއިތުރުންވެސް، ބައެއް ކަންތައްތައް އެބަހުރި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ކުއްޔާ ގުޅޭގޮތުން ރައީސް ޖަވާބެއް ނުދެއްވައެވެ.

ރައީސް ވިދާޅުވީ ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކާއި، ދޭން ބޭނުންވެފައިވާ ހިދުމަތްތަކާ ގުޅިގެން އަންނަ ޝަކުވާތައް ވަރަށް ކައިރިން އެމަނިކުފާނު ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި އެކަމަށް މިހާރުން މިހާރަށް ގެނެވެން އޮތް ހައްލެއް ގެނެސް އަދި ކުރެވެން އޮތް ހުރިހާ ކަންތައްތަކެއް ކުރައްވަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިގޮތުން، ރައީސް އޮފީހަށް އަންނަ އެކިއެކި ޝަކުވާތައް ވީހާވެސް ކައިރިން ބެލުމަށްޓަކައި ސީދާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިސްވެ ހުންނަވާ އަދި މިނިސްޓާ އަހުމަދު ސަމީރު ހިމެނޭ ގޮތަށް ދުވަހުން ދުވަހަށް ޝަކުވާތައް ބަލައި، އެއަށް ހައްލު ހޯދުމަށްޓަކައި މަޝްވަރާ ކުރަމުން ގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެ ސަރަހައްދުގައި، ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން އަންނަ ހުރިހާ ޝަކުވާތަކެއް ބަލައި، އެއަށް ޙައްލު ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން، ހިޔާ ފްލެޓްގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް އަރުވާފައެވެ.