އާންމުންނަށް ނޭނގި ވަގު ފޯމް ހުށަހަޅާ މައްސަލަ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ފޮނުވައިފިއެވެ.

އޮޅުވާލައިގެން އާންމުން ސިޔާސީ ޕާޓީތަކަށް ވެއްދުމާއި، ރަޖިސްޓްރީވެފައިވާ ޕާޓީ ނޫން އެހެން ޕާޓީއެއްގައި ނަން އޮންނަ މައްސަލަ މިފަހުން ބޮޑުވެފައިވާއިރު، މި މަހުގެ ހަވަނަ ދުވަހު އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.

އޭނާ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ:

  • ޕާޓީތަކަށް މީހުން ވެއްދުމާއި، ޕާޓީތަކުގައި ބޭތިއްބުމާއި، ޕާޓީތަކުން ވަކި ކުރުމުގައި ބައިވެރިވުމެއް ނެތި އަމަލު ކުރަމުން ދާ ކަމަށް
  • އެގޮތަށް އަމަލު ކުރުމަކީ އާންމުންނަށް ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގުގެ ބެނުން ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް
  • އެފަދަ އަމަލުތަކުގެ ސަބަބުން ވަކި ސިޔާސީ ފިކުރެއްގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުގެ ހައްގު ގެއްލޭ ކަމަށް
  • އެފަދަ ޝަކުވާތައް ބެލުމުގައި އިލެކްޝަންސް ކޮމިޝަނުން ގެންގުޅޭ އުސޫލުގެ ސަބަބުން އިތުރު މައްސަލަތަށް ކުރިމަތިވަމުން ދާ ކަމަށް
  • އެހެންކަމުން ޕާޓީ ނިޒާމަށް އާންމުން ކުރާ އިތުބާރު ދަށަށް ދާ ކަމަށް

"އެކަމުގެ ސަބަބުން ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ޖެހެން ބޭނުން ނުވާ ރައްޔިތުންނާއި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ ޝަކުވާތައް އިތުރުވެ ކަންބޮޑުވުން ފާޅުކުރަމުން ދާތީ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 179 ވަނަ މާއްދާގެ ދަށުން މިމައްސަލަ ހުށަހަޅަމެވެ،" މުހައްމަދު އަބްދުﷲ ޝަފީގް ހުށަހެޅުއްވި މައްސަލައިގައި ވެއެވެ.

އެ މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމާ މެދު ގޮތެއް ނިންމުމަށް ނެގި ވޯޓުގައި، ޖަލްސާ އަށް ހާޒިރުވި މެންބަރުންގެ ތެރެއިން 58 މެންބަރުން ވަނީ އެ މައްސަލަ ކޮމިޓީ އަށް ފޮނުވުމަށް ތާއީދު ކޮށްފައެވެ

އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ "ދަ ޕްރެސް" އަށް މީގެ ކުރިން ވިދާޅުވި ގޮތުގައި، އެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެ ކޮމިޝަނުން މަޝްވަރާތައް ކުރަމުން އެބަ ދެއެވެ.

އެ ކޮމިޝަނުން މި މަހުގެ ފުރަތަމަ ދުވަހު ބުނީ،، ސިޔާސީ ޕާޓީތަކުން ހުށަހަޅާ ވަގު ފޯމްތައް މަދު ކުރުމަށްޓަކައި ފޯމަކަށް 10،000ރ ގެ ރޭޓުން ޖޫރިމަނާކޮށް، އެ ފޯމް ހުށަހަޅާ ޕާޓީގެ ރަޖިސްޓްރާ ވެސް ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށެވެ.

ވަގު ފޯމްތަކުގެ މައްސަލަ މިފަހުން ބޮޑުވެފައިވާއިރު، ބައެއް ޕާޓީތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނާއި އެ ބޭފުޅުންގެ އާއިލާ އެހެން ޕާޓީތަކުގައި ރަޖިސްޓްރީކޮށްފައިވާ މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ.