ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިލަދުންމަޑުލުގެ ދެ ރަށަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންނަ ހުކުރު ދުވަހު ރައީސް ށ. ފުނަދު އާއި ނ. ހޮޅުދު އަށް ވަޑައިގަންނަވާނެ ކަމަށެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި، އެ ދަތުރުފުޅުގައި ށ. ފުނަދޫ ސްކޫލަށް 50 އަހަރު ފުރުމުގެ ގޮތުން ބާއްވާ ޖަލްސާ އާއި ހޮޅުދޫގެ މޭނާ ސްކޫލަށް 75 އަހަރު ފުރުމުގެ ގޮތުން ބާއްވާ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ތިން ދުވަހުގެ އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މާލެ ވަޑައިގަންނަވާނީ އާދީއްތަ ދުވަހުގައެވެ.

ރަށްރަށުގައި ކުރިއަށް ދާ އެކި މަޝްރޫއުތައް ބައްލަވާލެއްވުމަށާއި، ނިމިފައިވާ މަޝްރޫއުތައް ފާހަގަ ކުރެއްވުމަށް ރައީސް މިފަހުން ގިނަ ރަށްރަށަށް ވަޑައިގަންނަވާއިރު، އެންމެ ފަހުން ރަސްމީ ދަތުރުފުޅެއްގައި އެމަނިކުފާނު ވަޑައިގެންފައިވަނީ އއ. އުކުޅަހަށް، "ވިޔަވަތި ރާއްޖެ" މަހާސިންތާގައި ބައިވެރިވެ ވަޑައިގަތުމަށެވެ.