ގާނޫނީ ދާއިރާގެ ބައެއް ދަރިވަރުންގެ އެދުމަށް، ބާ ކައުންސިލްގެ ކުރިއަށް އޮތް ދައުރުގައި ބާ އިމްތިހާން ބާއްވައިދިނުމަށް އެ ކައުންސިލްގައި އެދުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފިއެވެ.

މި މަހުގެ 25 ގައި ބާ އިމްތިހާން ބާއްވަން ނިންމާފައިވާއިރު، އެ އިމްތިހާނުގައި ބާ ކައުންސިލުން ގެންގުޅޭ ސިޔާސަތުތަކާ މެދު ބައެއް ދަރިވަރުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން، ބާ އިމްތިހާނުގެ ފީ އަގުބޮޑު ކަމަށް ބައެއް ދަރިވަރުން ބުނެފައިވާއިރު، އިއްޔެ ޖުޑީޝަރީ ކޮމިޓީ އާ ބައްދަލުކޮށް، ދަރިވަރުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

އެ ދަރިވަރުން ވަނީ ބާ ކައުންސިލްގެ އާ އެކްސްކޯގެ ތެރެއިން މައްސަލަތަކަށް ހައްލެއް ހޯދުމުގެ ފުރުސަތު ބޭނުން ކަމަށް ބުނެފައެވެ. އަދި އެ ކައުންސިލްގެ ކުރިއަށް އޮތް ދައުރުގައި ބާ އިމްތިހާނު ބާއްވާ ގޮތަށް ފަސްކުރުމަށް ވެސް އެދިފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، ދަރިވަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން އިއްޔެ ނުރަސްމީކޮށް ބާ ކައުންސިލާއެކު މަޝްވަރާތަކެއް ކުރިއަށް ދިޔަ ކަމަށެވެ. އެއަށްފަހު، ކޮމިޓީއަށް ފާހަގަކުރެވުނު ކަންކަން ބާ ކައުންސިލަށް ލިޔުމަކުން ހިއްސާކުރުމަށް ވަނީ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

ބާ އިމްތިހާނުގެ ފީގެ މައްސަލައިގައި ބައެއް ދަރިވަރުން ވަނީ އެ މައްސަލައަށް ގޮތެއް ނިމެންދެން އެ އިމްތިހާނު ފަސްކޮށްދިނުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް މީގެ ކުރިން މައްސަލައެެއް ހުށަހަޅާފައެވެ. ނަމަވެސް، އެ އަމުރު ނެރެދެވެން ނެތް ކަމަށް އެ ކޯޓުން އޭރު ވަނީ ނިންމާފައެވެ.

ވަކީލުކަމުގެ ހުއްދަ ހޯދަން ބާ އިމްތިހާނު ފުރިހަމަކުރާ ގޮތަށް ހަމަޖައްސާފައި ވަނީ 2019 ގައެވެ. ނަމަވެސް ކޮވިޑުގެ ހާލަތާ ގުޅިގެން އިމްތިހާން ނުބޭއްވުމުގެ ސަބަބުން 283 ވަކީލުންނަށް ވަގުތީ ލައިސަންސެއް ދޫކޮށްފައި ވެއެވެ. އެ ވަކީލުންނާ އެކު އަލަށް ގާނޫނީ ދާއިރާ ކިޔަވައިގެން ދަސްވެނިވެފައިވާ ދަރިވަރުން ވެސް ބާ އިމްތިހާނު ހެދުމަށް ހަމަޖެހިފައިވެއެވެ.

ބާ އިމްތިހާނުގައި މައިގަނޑު ހަ ބައެއް އޮވެއެވެ. އެއީ ޓޯޓް ލޯ، ކްރިމިނަލް ޕްރޮސީޖާ، ކޮންސްޓިޓިއުޝަނަލް ލޯ، ކޮންޓްރެކްޓް ލޯ، ލޭންޑް ލޯ، އަދި މޯލްޑިވިއަން ލީގަލް ސިސްޓަމެވެ.