ކަރަންޓު މީޓަރު ޓެސްޓިން ބެންޗެއް ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފެނަކައިން ފަށައިފިއެވެ.

ފެނަކައިން ބުނި މި މަސައްކަތަކީ ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ކަރަންޓް މީޓަރު ޓެސްޓް ކުރުން، މުޅި ރާއްޖޭގައި، އެންމެ ފަރާތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، މިހާރަށްވުރެ އަވަސް މަގުން މީޓަރު ޓެސްޓްކޮށް އެކަށީގެންވާ އަވަސް މިނުގައި ދެމެހެއްޓެނިވި ހިދުމަތެއް ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ފެށި މަސައްކަތެއް ކަމަށެވެ.

މިގޮތުން، މީޓަރު ޓެސްޓް ކުރުމުގެ ހިދުމަތް، މި މަސް ނިމުމުގެ ކުރިން ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނައިން ބުނެއެވެ.

ފެނަކައިން ބުނީ އެކުންފުނިން މީޓަރު ޓެސްޓް ކުރުމުގެ ހިދުމަތް ތައާރަފް ކުރުމުން، މިހާރު ރައްޔިތުންނަށް އެ ހިދުމަތް ލިބޭ އަގަށްވުރެ އެތަށް ގުނައެއް އަގު ހެޔޮވެ، މިހާރު ޚިދުމަތަށް ނަގާ މުއްދަތަށް ވުރެ އަވަސްކޮށް ހިދުމަތް ލިބި، ރައްޔިތުންނަށް ހުރިހާ ގޮތަކުން ލުއި ފަސޭހަ ވެގެންދާނެ ކަމަށެވެ.

ފެނަކައިގެ އަމާޒަކީ، ކުރިއަށް އޮތް ތަނުގައިވެސް، ޔުޓިލިޓީ ހިދުމަތްތަކުގެ ދާއިރާގައި ރައްޔިތުންނަށް ތަކްލީފަކަށް ވެފައި ހުރި ކަންކަމަށް ލުއިފަސޭހަ ހައްލު ހޯދައިދެވޭނެ މަގު ފަހި ކޮށްދީ، ރައްޔިތުންނަށް އިތުބާރުހުރި ދެމެހެއްޓެނިވި ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ.