އެމްޑަބްލިއުއެސްސީން ނ. ހެނބަދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ 51 ޕަސަންޓު ނިމިއްޖެވެ.

އެމްޑަބްލިއުއެސްސީން ބުނީ ފެނުގެ ނިޒާމްގައި ހިމެނޭ 4.83 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކުގެ ހޮޅިވަޅުލުމުގެ މަސައްކަތްތަކާއި ބޯހޯލް ތޮރުވުމުގެ މަސައްކަތްތަކާއި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން މަސައްކަތް އަދި ފެން ރައްކާ ކުރާ ތާނގީގެ ފައުންޑޭޓަށް އެޅުމުގެ މަސައްކަތްތައް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، ގޭގޭގައި ފެން މީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދި މި ގެތަކަށް ރައްކާތެރި ފެން ފޯރުކޮށްދެވިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ފެން އުފެއްދުމަށްޓަކައި 2 އާރްއޯ ޕްލާންޓް ހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުމުގެ މަސައްކަތް ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި އަދި ފެން ތަހްލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

ހެނބަދޫގެ ފެނުގެ މަސްރޫއުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މިމަޝްރޫއުގެ އަގަކީ 41.36 މިލިން ދިވެހި ރުފިޔާއެވެ. މިމަސްރޫއުގެ މަސައްކަތް ނިމުމުން ހެނބަދޫ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.