ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދޭން ފެނިވަޑައިނުގަންނަވާ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަދި ބާ ކައުންސިލްގެ މެންބަރު އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ގިނަ މިނިސްޓަރުންތަކެއް 2023 ހޯދައިދިނުމަށް ރައީސް ސޯލިހަށް ތާއީދުކުރައްވާނެ ކަމަށް ވިދާޅުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެގޮތުން 2023 ގައި ރައީސް ސޯލިހަށް ތާއީދު ކުރައްވާ ކަމަށް ފުރަތަމަ ހާމަކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ. މާރިޔާ ވިދާޅުވީ ރައީސް ސޯލިހްގެ ކެބިނެޓްގައި އެމަނިކުފާނާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ އިރު އެމަނިކުފާނަކީ ކެތްތެރި، ހުޅުވާލެވިފައިވާ ވިސްނުންފުޅެއްގައި އަޑުއައްސަވާ ބޭފުޅެއްކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވަނީ ގައުމަށް ހެޔޮ ގޮތަކީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދެއްވުން ކަމަށް ވިދާޅުވެފައެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

މާރިޔާއާއި ނަސީމުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ބޭފުޅުންގެ ތާއީދު އޮތީ ރަައީސް ސޯލިހަށް ކަމަށް ވިދާޅުވެ އެކަން ހާމަކުރައްވާފައެވެ.