ފަސް މަސް ފަހުން، ސްޓެލްކޯގެ ހުސްވެފައިވާ ޗެއާމަން ކަމަށް ޕްރައިވަޓައިޒޭޝަން ބޯޑުން ބޭފުޅަކު އައްޔަނު ކޮށްފިއެވެ.

އެގޮތުން ސްޓެލްކޯގެ ޗެއާމަން ކަމަށް އައްޔަނު ކޮށްފައި ވަނީ ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް މުހައްމަދު ދީދީއެވެ.

ސްޓެލްކޯގެ ޗެއާމަންގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ރަޝީދު، އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މިދިޔަ ޑިސެމްބަރު 26 ގައި އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށް އަވަހާރަވުމާ ގުޅިގެންނެވެ. އޭގެ ފަހުން އެ މަގާމަށް ބޭފުޅަކު ހަމަޖައްސާފައެއް ނުވެއެވެ.

ޕްރައިވަޓައިޒޭޝަން އަދި ކޯޕޮރަޓައިޒޭޝަން ބޯޑުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާއި އެ ކުންފުނީގެ ޗެއާމަން ކަމަށް ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް މުހައްމަދު ދީދީ އައްޔަނު ކުރައްވާފައިވާ ކަމަށެވެ.

ސިފައިންގޭގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވުމުގެ އިތުރުން، އިބްރާހީމް މުހައްމަދު ދީދީ ވަނީ މިދިޔަ ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ މެދު ދާއިރާގެ މެންބަރުކަން ކުރައްވައިފައެވެ.