ސަރުކާރުގެ ފަރާތުން މާލިއްޔަތު ގާނޫނަށް ހުށަހަޅާފައި ވަނީ ރައްޔިތުންގެ ތިޖޫރީގެ ފޫކަހާލާ އިސްލާހެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ މިއީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ އިސްލާހެއް ކަމަށާއި މި އިސްލާހުން އިޔާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުން ރާއްޖެއަށް ކުރިމަތިކުރުވާނެ ކަމަށެވެ.

މިއަދު އިގްތިސޯދީ ގޮތުން ރާއްޖެ އޮތް ހާލަތު ބަދަލުކޮށް ކަންކަން ރަނގަޅުކުރުމަށްޓަކައި ދުނިޔޭގެ މާލީ އިދާރާތަކުން ވަރަށް ހަރުކަށި ރިކޮމެންޑޭޝަންސް ދިވެހި ސަރުކާރަށް ދީފައިވާ ކަމަށާއި އެހެންނަމަވެސް އެ ރިކޮމެންޑޭޝަންސް ތަކަށް އެއްވެސް ބަލާލުމެއް ނެތި ބޮލާލައި ޖަހާ ގޮންޖެހުމަށް ފަހު ދައުލަތުގެ މާލިއްޔަތު ގާނޫނަށް މި ގެންނަ އިސްލާހަކީ އަނެއްކާވެސް ދުނިޔޭގެ މާލީ އިދާރާތައް އިތުރަށް ކަންބޮޑުވާނެ އިސްލާހުތަކެއް ކަމަށް ޝިޔާމް ވަނީ ފާހަގަ ކުރައްވާފައެވެެ.

ޝިޔާމް ވިދާޅުވީ މި އިސްލާހުގެ ސަބަބު ފާހަގަ ކުރެވެނީ ރާއްޖޭގެ މާލީ މިނިވަން މުވައްސަސާތައް ބާރު ކަނޑުވާ އިސްލާހެއް ގޮތުގައި ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާ ހުރި ވަކި އެކައުންޓް ތަކާއި ވަކި ފަންޑުތަކެއްގައި މީގެ ކުރިން އަތް ނުލެވޭ ގޮތަށް އޮތް އޮތުން މި އިސްލާހުން ބަދަލު ކުރެވިގެން ދާނެ ކަމަށެވެ.

" ރައްޔިތުންގެ ތިޖޫރީގެ ފޫކަހާލާ ކަހަލަ އިސްލާހެއް މި އިސްލާހަކީ. ހުރިހާ ގޮތެއްހުސްވެގެން ގެނެވިފަ އޮތް އިސްލާހެއް މި އިސްލާހަކީ"
ޝިޔާމް

ޝިޔާމް ވަނީ ސާރުކާރަށް އާމްދަނީ ހޯދޭނެ އެއްވެސް ގޮތެއް ނުވިސްނެނީތޯ ނުވަތަ ނުފެންނަނީތޯ ވެސް ސުވާލު އުފައްދަވާފައެވެ.

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)ގައި ހުންނަ ފައިސާއާ ގުޅޭ ހުރިހާ ކަންކަން ނިންމުމުގެ ބާރުތައް ރައީސާއި ފިނޭންސް މިނިސްޓަރަށް ލިބޭ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅުއްވުމުން މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައި ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

މިއަދު ބަހުސް ފެށި އިސްލާހުގައި ވާ ގޮތުން، ދަރަންޏެއް ނަގަން ފިނޭންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކު ބޭނުންވެވަޑައިގަތުމުން، ދަރަނި ނަގަން ކަނޑައެޅުމަށްފަހު އެ ދަރަންޏެއް ނަގާ، ނެގިކަން 30 ދުވަހުގެ ތެރޭގައި މަޖިލީހަށް އެންގުމަށް ފަހު، ދަރަނި ހިސާބު ކުރާނެ ގޮތް ކަނޑައަޅާ، ހަރަދު ކުރާ ގޮތުގެ ހިސާބުވެސް ފިނޭންސް މިނިސްޓަރު ބަލަހައްޓަވާ ގޮތަށެވެ.

މިހާރު މާލިއްޔަތު ގާނޫނުގައި އޮންނަނީ، ފިނޭންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކު ދަރަންޏެއް ނަގަން ބޭނުންވެވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކަށް ހުށަހަޅުއްވައިގެން ހުއްދަ ހޯއްދެވުމެވެ. އެއަށް ފަހު އެކަމަށް ރައީސް ހުއްދަދެއްވީމައި ދަރަނި ނަގަނީ ފިނޭންސް މިނިސްޓަރެވެ. ދެން އެ ދަަރަނީގެ ތަފްސީލު 30 ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހެޅަން ޖެހެއެވެ. ހަމަ އެއާއެކު މިހާރު އޮތް ގާނޫނުގައި ހިސާބު ކުރާނެ ގޮތް ކަނޑަައަޅާނީ އޮޑިޓާ ޖެނެރަލް އެވެ. އެއަށްފަހު އެ އާ އެއްގޮތް ވާގިތުގެ މަތިން ހިސާބުތައް ބެލެހެއްޓުން އޮންނަނީ ފިނޭންސް މިނިސްޓަރަށެވެ.