މީގެ ހަތް އަހަރު ކުރިން މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރި އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުށް ސާބިތުނުވާ މައްސަލަ ހައި ކޯތުގައި އިސްތިއުނާޕު ކޮށްފިއެވެ.
ފެބްރުއަރީ، 2015 ގައި ދަރުބާރުގެ ކައިރީގައި ޖައިލަމަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދާއި ވ. ސިނަމާލެ އިސްމާއިލް އަނީގާއި ޏ. ފުވައްމުލަކު ޖަމްނާ، އަލީ އިރުފާންގެ އިތުރުން ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދުގެ މައްޗަށެވެ.
ޖައިލަމް މަރާލިތާ ހަތް އަހަރު ފަހުން ކުރި ހުކުމުގައި އެ މީހުންގެ މައްޗަށް މައްސަލަ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 10 ވަނަ ދުވަހުއެވެ. އެ މައްސަލަ އިއްޔެ ދައުލަތުގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި މުހައްމަދު ހުމައިދުގެ ބައި އިސްތިއުނާފްކޮށްފައެއް ނުވެއެވެ.
ކްރިމިނަލް ކޯޓުން ކުށް ސާބިތުވާ ވަރަށް ހެކި ނެތް ކަމަށް ނިންމާފާވާއިރު ދައުވާލިބޭ ނަސީބު ސައީދާއި އަނީގުގެ އިތުރުން އިރުފާނާ ދެކޮޅަށް ހެކިބަސް ދިނީ އެންމެ ހެކިވެރިއަކު ކަމަށާއި ދެން ތިބި ހުރިހާ ހެކިންނަށް އެ މީހުން އެ ހާދިސާ ހިނގި ސަރަހައްދުން ފެނިފައި ނުވާ ކަމަށް އެ މައްސަލަ ބެއްލެވި ގާޒީ ވަނީ ވިދާޅުވެފައެވެ.