ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ ތަރުހީބު ހޯދާ، ނެޓްފްލިކްސްގެ ރެކޯޑްގެ މުގުރާލި ދެކުނު ކޮރެއާގެ ޑްރާމާ ސީރީޒް "ސްކުއިޑް ގޭމް"ގެ 2 ވަނަ ސީޒަން އަންނަން އުޅޭކަން، ނެޓްފްލިކްސްއިން ކަށަވަރު ކޮށްދީފިއެވެ.

ސެޕްޓެމްބަރު 2021 ގައި ރިލީޒް ކުރި "ސްކުއިޑް ގޭމް"އަކީ ނެޓްފްލިކްސްގެ ތާރީހުގައިވެސް އެންމެ ގިނަ ބަޔަކު ބެލި ސީރީޒްއެވެ. ކުޑައިރު ކުޅެ އުޅުނު ކުޅިވަރުތަކެއް، ފުރާނަ ސަލާމަތްކުރުމާއި ދިރިއުޅުން ބަދަލު ކުރުމާ ގުޅިފައިވާ ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެދާ މަންޒަރު ފެނިގެންދާ "ސްކުއިޑް ގޭމް" ގެ ދެވަނަ ސީޒަންއިން އުއްމީދު ކުރަންވީ ބައެއް ކަންކަމަށް ނެޓްފްލިކްސް އިން ވަނީ އިޝާރާތް ކޮށްފައެވެ.

ފުރަތަމަ ސީޒަންއިން ފެނުނު މައިގަނޑު ކެރެކްޓަރުތައް މި ފަހަރުގެ ސީޒަންއިންވެސް ފެންނާނެކަން ހާމަ ކޮށްފައި ވާ އިރު، ޔަންގް-ހީ ނުވަތަ މޯޝަން ސެންސިންގް ބުދުގެ ހަޔާތުގެ ބައިވެރިޔާވެސް 2 ވަނަ ސީޒަންއިން ފެންނާނެ ކަމަށް ހަބަރު ލިބެއެވެ.

"ސްކުއިޑް ގޭމް 2" ރިލީޒް ކުރާނެ ވަކި ތާރީހެއް ނެޓްފްލިކްސްއިން އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ސީރީޒް "ސްކުއިޑް ގޭމް"ގެ ތަރި، އޯ ޔިއޯންގް-ސޫ، ގޯލްޑަން ގްލޯބެއް ކާމިޔާބުކޮށް، ދެކުނު ކޮރެއާގެ މުނިފޫހިފިލުވުމުގެ ތާރީހުގައި އޭނާގެ ނަން، ރަން އަކުރުން ފަވާލިއެވެ. އޯ އަކީ، ދެކުނުގެ ފިލްމީ ތާރީހުގައިވެސް ގޯލްޑަން ގްލޯބެއް ކަށަވަރު ކުރި ފުރަތަމަ ބަތޮލެވެ.

ސެޕްޓެމްބަރު 17، 2021ގައި ނެޓްފްލިކްސްއިން ލޯންޗުކުރި "ސްކުއިޑް ގޭމް"އަކީ އެ ޕްލެޓްފޯމްގައި މިހާތަނަށް ލޯންޗުކުރި އެންމެ ވަރުގަދަ ސީރީޒްއެވެ. ފުރަތަމަ ސީޒަންގެ ކާމިޔާބިއާއެކު 2 ވަނަ ސީޒަނެއްގެ ވާހަކަ ދެކެވެމުން ދިޔަ ނަމަވެސް، ރޭގެ ނިޔަލަށް އެއްވެސް ފަރާތަކުން މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

އިންތިހާއަށް ނުރައްކާތެރި ގޭމްތަކެއްގައި ބައިވެރިވެގެން އުޅޭ، ދަރަނިވެރިންތަކެއްގެ ދިރިއުޅުން ދައްކުވާދޭ "ސްކުއިޑް ގޭމް"އަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން 100 އެއްހާ ގައުމުގެ 1 ނަމްބަރު ޓީވީ ސީރީޒްގެ މަގާމު، ކަށަވަރު ކޮށްފައި ވާ ސީރީޒްއެކެވެ.