މި ސަރުކާރުން ހުޅުމާލޭގައި އަޅާ ސްކޫލްތަކުގެ މަސައްކަތް ނިމުމުން، މާލޭގެ ހަތަރު ސްކޫލެއް އެއް ދަންފަޅީގައި ކިޔަވައިދޭ ގޮތަށް ބަދަލުކުރެވޭނެ ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާލޭގެ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މާލޭގެ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ސްކޫލްތަކުގައި އެކަށީގެންވާ ޖާގަ ނެތުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އެކަމަށް ހައްލު ގެނެވޭނީ މި ސަރުކާރުން ހުޅުމާލޭގައި އަޅަން ފަށާފައިވާ ސްކޫލްތަކުގެ މަސައްކަތް ނިމި، އެ ސްކޫލްތަކުގެ ބޭނުން ކުރަން ފެށުމުންނެވެ. އަދި އެ ސްކޫލްތަކަކީ އެއް ދަންފަޅިއަށް ކިޔަވައިދޭނެ ސްކޫލްތަކެއް ކަމަށް ވެސް ވިދާޅުވިއެވެ. އެ ސްކޫލްތަކުގެ މަސައްކަތް ނިމުމުން، މާލޭގައި ކިޔަވައިދޭ ސްކޫލްތަކުގެ ތެރެއިން އެއް ދަންފަޅިއަށް ބަދަލުކުރަން ނިންމާފައިވާ ހަތަރު ސްކޫލަކީ:
- މަޖީދިއްޔާ ސްކޫލް
- އިސްކަންދަރު ސްކޫލް
- އަމީނިއްޔާ ސްކޫލް
- ސީއެޗްއެސްއީ
"ސީއެޗްއެސްސީއަށް އަޅުގަނޑުމެން މިހާރު ހުޅުމާލޭގައި އެބަ އަޅަން އާ އިމާރާތެއް. [އެ ސްކޫލްގެ މިހާރުގެ ބައެއް ދަރިވަރުން] ހުޅުމާލެއަށް ބަދަލުކުރެވުނީމާ މާލޭގައި ހުރި ސްކޫލު އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މާލޭގެ ސްކޫލްތަކެއް އެއް ދަންފަޅިއަށް ބަދަލުކުރުމަށް ރާވާފައި އޮތް ނަމަވެސް، އެ މަސައްކަތަށް ބޭނުންވާ ބަޖެޓު ލިބި، ތަންފީޒުކުރަން ފެށޭނެ ދުވަހެއް ދަންނަވަން ދަތިކަމަށެވެ.
މާލޭގައި އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތައް މަދެވެ. ނަމަވެސް، މިހާރުވެސް ރަށްރަށުގެ ގިނަ ސްކޫލްތަކުން ކިޔަވައިދެމުން ދަނީ އެއް ދަންފަޅިއަށެވެ.
ރާއްޖޭގެ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލު ކުރުމަކީ އެމްޑީޕީގެ ސިޔާސަތުތަކުގެ ތެރެއިން ސިޔާސަތެކެވެ. އެއް ދަންފަޅިއަށް ސްކޫލްތަކުގެ ގަޑިތައް ބަދަލުކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.