ސްކޫލު ގަޑީގައި ނަމާދަށް ސަމާލުކަން ދިނުމަކީ ހަރުކަށި ފިކުރުގެ އަލާމާތެއް ކަމަށް ޔޫތް މިނިސްޓްރީން ކުރިއަށް ގެންދާ "ހަފްތާ ރެސް" ޕްރޮގްރާމެއްގައި ކިޔައިދީފިއެވެ.
ޔޫތް މިނިސްޓްރީން އެކި އަތޮޅުތަކުގައި ހިންގަމުން އަންނަ "ހަފްތާ ރެސް" ގެ ރ. އަތޮޅު އުނގޫފާރުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރޮގްރާމުގައި ކުރިއަށް ގެންދިޔަ ޝެޝަނެއްގައި ވަނީ ސްކޫލް ދަރިވަރުން ސްކޫލް ގަޑީގައި ނަމާދު ކުރާނަމަ އެއީ ހަރުކަށި ފިކުރަށް ކުއްޖާ ތަބާވަމުން އަންނަ ކަމުގެ އަލާމާތެއް ކަމަށް ކިޔައިދީފައެވެ.
އެ ޝެޝަންގައި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ހޯފް ފޯ ވްމެން ޖަމިއްޔާ އާއި ރާއްޖޭގައި ހުންނަ ޔޫއެންޑީޕީ އޮފީހާއި ޓްރާންސްޕޭރެންސީ އާއި އަދި އިސްލާމިކް ޔުނިވަސިޓީން ބައިވެރިވިއެވެ.
"އަމާން ވިލުންވެރި މުޖުތަމައެއް ބިނާކުރުމަށް ތައުލީމީ ދާއިރާ އާ އެކު" ނަމުގައި ކުރިއަށް ގެންދިޔަ އެ ވޯކްޝޮޕްގައި ވަނީ ފުރާވަރު އުމުރު ކުދިން ތުނބުޅި ބެހެއްޓުމަކީ ވެސް ހަރުކަށި ފިކުރުގެ އަލާމާތެއް ކަމަށް ބުނެފައެވެ. އަދި އެސެމްބްލީގެ ލަވާގައި މިއުޒިކު ހިމެނޭތީ ލަވަ ނުކިޔުމަކީ ވެސް ކުއްޖަކު ހަރުކަށި ފިކުރަށް ބަދަލު ވަމުން އަންނަ ކަމުގެ އަލާމާތެއް ކަމަށް ވަނީ ކިޔައިދީފައެވެ.
އެކަމާ ގުޅިގެން ޔޫތު މިނިސްޓްރީއާއި ރ. އަތޮޅު ކައުންސިލްގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.
ހަފްތާރެސް ގެ މަގުސަދަކީ ހަރުކަށި ފިކުރު ނައްތާލުން ކަމަށް ވާއިރު ކައުންސިލްތަކަށް ހާއްސަކޮށްގެށް ކުރިއަށް ގެންދިޔަ ޝެޝަނެއްގައި ބެރުޖެހުމަކީ ހުއްދަ ކަމެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީ އިން މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވެފައިވާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ރުޅި އައުމުން ވުޟޫކުރުމަކީ އޮންނަ ކަމެއް ކަމަށާއި އެހެން ނަމަވެސް أَعُوْذُ بِاللّٰهِ مِنَ الشَّيْطٰانِ الرَّجِيْمِ ކިޔުމުގެ ބަދަލުގައި އިށީނދެ، އޮށޯވެ އޮތުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައިވެސް ވަނީ ކިޔައިދީފައި ކަމަށް "ދަ ޕްރެސް" އަށް ވަނީ މައުލޫމާތު ލިބިފައެވެ.
މި މައްސަލަ ސޯޝަލްމީޑިއާގައި ހޫނުވެފައި ވާއިރު، ޔޫތު މިނިސްޓްރީން ވަނީ، ރ. އަތޮޅުގައި ހިންގި ހަފްތާރެސްގައި ރ. އުނގޫފާރު ޕްރޮގްރާމުގައި ހިމެނޭ އެ ފޮޓޯތައް (ހަބަރުގައި ހިމަނާފައި އެވާ ފޮޓޯ) ޓްވިޓް ކުރުމަށްފަހު ޑިލީޓް ކޮށްފައެވެ. އަދި އެކަމާބެހޭ ގޮތުން ބަހެއް ބުނާނެ އޮފިޝަލަކުވެސް އެ މިނިސްޓްރީގައި ނެތް އިތު "ހަފްތާރެސް" ގައި ބައިވެރިވާ އިސްލާމިކް ޔުނިވާސިޓީއާއި، ޓްރާންސްޕޭރަންސީއާއި، ހޯޕް ފޯ ވިމެން އާއި، އެންސީޓީސީގެ އިތުރުން ޔޫއެންޑީޕީންވެސް ބަހެއް ބުނެފައެއް ނުވެއެވެ.
ރާއްޖޭގައި ހަރުކަށި ފިކުރު އޮތްކަން ދިރާސާތަކުން ދައްކާއިރު، ސަރުކާރުން ގެންދަނީ ހަރުކަށިފިކުރާ ދެކޮޅަށް ނުވަތަ ހޭލުންތެރި ޖީލެއް ބިނާކުރުމުގެ މަގުސަދުގައި ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. ތައުލީމީ މަންހަޖުގެ ތެރެއިން ދަރުވަރުންނަށް ކިޔަވައިދޭ ފިލާވަޅުތަކުގައި "ދީނާ ބީރައްޓެހި" ގޮތްތައް ޕްރޮމޯޓް ކުރާ ކަމުގެ ޝަކުވާ ބޮޑުވެފައި ވާއިރު، ދާދި ފަހުން ވަނީ ގްރޭޑް ކްލާސްތަކުގެ އިސްލާމް އަދި އަރަބި ފޮތްތަކުން ގިނަ ކުށަތަކެއް ފާހަގަ ކުރެވި އެކަންވެސް ބޮޑު މައްސަލައަކަށް ވެފައެވެ.
ސުބްޙާނަﷲ. މިކަހަލަ ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ހުރުމަކީ ހެޔޮވާނެ ކަމެއްނޫން.
މަމީ ހަރުކަށި ފިކުރުގެ މީހެއް އަޅެ ހަދާލަބަ ގޮތެއް. ރާއްޖޭގަ ފިކުރު ހަރުވެގެން މައްސަލައަކަށް ވަނީ ފާޅުގައި އެއްޖިންސުން ގުޅުން ހިންގުން ރަނގަޅު
ސްކޫލްތަކުގަ ނަމާދު ކުރާކަށް ދަަސްކޮށެއް ނުދޭ. ޢައުރަ ނިވާކުރުމަށް ބާރެއް ނާޅާ. އޭގެ ބަދަލުގަ ދެޖިންސު މަސްހުނިވެ ކަޕުލްޑާންސު ކުރުމާ ބެރުޖަހައި ލަވަކިޔައި ނެށުމާއި ގޮތްގޮތަށް ޒީނަތްތެރިކޮށްފަ ހުންނަ ޢައުރަ ނިވާނުވާ ނުވާ ކަހަލަ ހެދުން ލައިގެން ތިބެ ޓްރިޕްތަކަށް ދިޔުމާ ތަމްސީލު ކުޅުން ދަސްކޮށްދޭކަން ފާހަގަ ކުރެވޭ. މިސަބަބުތަކާހުރެ އެފަދަ ސްކޫލްތަކަށް ކުދިން ފޮނުވުން ބައެއް ދަންނަބޭކަލުންނާ ފިގުހު އިލްމުވެރިންގެ ރައުޔުގައި މައިންބަފައިންގެ މައްޗަށް ހަރާމް ކުރައްވާފަވޭ. ގަސްދުގައި ނަމާދު އަޅައިފިމީހާ ދީނުން ބޭރުވާއިރު، އިސްލާމްކަމާ ކާފަރުކަމަ ދެމެދުގަ ވާ ފަރަގަކީ ނަމާދު. ސްކޫލްތަކުގަ ނަމާދު ބަންގިގޮވުމާއެކު ދަރިވަރުން ނަމާދަށް ފޮނުވަންޖެހޭނެ!
ޔޫތު މިނިސްޓަރަކީވެސް ފެންނަ ފެނުމަށް ދީނާ ދުރުމީހެއް . ދެން މި ސަރުކާރުގެ މަގްސަދަކީ މިގައުމުގައި ޣައިރު މުސްލިމުނަށް މަގު ފަހިކޮށް ދިނުން . ޢެމީހުން އަޅުކަން ކުރާނެ ތަންތަން ހަދައިދީ އެމީހުންނަށް ވާގި ވެރިވުން. ޙަމަ ކުއްލިއަކަށް ފައްޅިއެއް ޗާރޗެއް ނޭޅޭނެތީ ބޮޑެތިވަމުން އަންނަ ކުދިންގެ ސިކުނޑި ދޮވެލާ އަލްމާނީ ފިކުރު އަށަގެންނެވުން ވާހް! ޢިބޫ ވާޙް! އަދިވެސް ބުނާތި އިސްލާމް ދީންނަށް އިހްތިރާމް ކުރާ ބަޔެކޭ މީ ކޮބާތަ. އިޔާޒުމެން އިމްރާނަށްވީހެން ވޯ ދޮއްތަ. މަގާމްގެ ދަހިވެތިކަމުގަ އެއްޗެއް ބުނަން ނުކެރިފަ ދޮއްތަ.