ގައުމީ ފެރީ ނިޒާމް، ނުވަތަ ރާއްޖެ ޓްރާންސްޕޯޓް ހިދުމަތް ލިންކް (އާރްޓީއެލް) އަކީ ލާމަރުކަޒީ ތަރައްގީގެ މައިބަދަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އާރުޓީއެލް ރޭ އިފްތިތާހު ކޮށްފައިވާއިރު، މިއަދު އެ މަޝްރޫއުގެ ދަށުން ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެ ފެރީ ހިދުމަތުގެ ދަށުން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ހއ. އަތޮޅުންނެވެ.

ރައީސް ވިދާޅުވީ މި ޖަޒީރާތަކުގެ އެއް ރަށް އަނެއް ރަށުގެ އިޖްތިމާއީ އަދި އިގްތިސޯދީ އެކަހެރިކަން ފިލައި ހުރިހާ ރަށެއްގެ އިގްތިސޯދީ ލާމެހި ތަނަވަސް ވާނީ މި ފެށި އާރްޓީއެލް ނިޒާމުގެ ތެރެއިން ކަމަށެވެ. އަދި އެ ނިޒާމަކީ ލާމަރުކަޒީ ތަރައްގީގެ މައިބަދަ ކަމުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ.

އާރްޓީއެލް ފެރީއިން ދަތުރުކުރުމަށް އާރްޓީއެލް ކަސްޓަމާ ޕޯޓަލް އަދި އާރްޓީއެލް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓު ނެގޭނެއެވެ. އަދި ކޮންމެ ބޮޑު މީހަކާއެކު 3 އަހަރުން ދަށުގެ ކުއްޖަކަށް އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރު ކުރެވެއެވެ.

އާރްޓީއެލް ހިދުމަތުގައި ބޭނުން ކުރާ ފެރީ ތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. އެގޮތުން މިހާރު ބޭނުންކުރާ ފެރީތަކަށް ވުރެ ހިތްގައިމު ފެރީތަކަކަށް އާރްޓީއެލްގެ ފެރީތައް ވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.