72 ކިލޯގެ މަސްތުވާތަކެތި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރުން ތުހުމަތުވާ މީހަކަށް ކުރި ދެ ދައުވާއެއް ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަންގައިފިއެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ހ. ގާޑަންބިއުޓީ މުހައްމަދު އަކްރަމްގެ މައްޗަށް ކުރި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ކެނަބިސް ބޭނުންކުރުމުގެ ދައުވާ ކްރިމިނަލް ކޯޓުން ވަނީ ބޭރުކޮށްލާފައެވެ. އެހެންކަމުން އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ބުދަ ދުވަހު އަމުރުކޮށްފައި ވަނީ ކްރިމިނަލް ކޯޓުން އެ މައްސަލަ އަލުން ބެލުމަށެވެ.

ހައި ކޯޓުގެ ހުކުމުގައި ބުނީ، ތަހުގީގުގެ މުއްދަތު ހަމަވުމުގެ ކުރިން ގާނޫނުގައިވާ ގޮތަށް މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ. ހުކުމުގައި ބުނެފައިވާގޮތުގައި ދިމާވި ހަމައެކަނި މައްސަލައަކީ ތަހުގީގުގެ މުއްދަތު އިތުރުކޮށް ދިން ލިޔުންތައް ދައުލަތުން ދަށު ކޯޓަށް ހުށަހެޅި އިރު އެ ލިޔުންތަކުގެ ތާރީހު ތަކުގައި އޮޅުންތަކެއް ހުރުން ކަމަށާއި ނަމަވެސް އެކަންކަން އިސްލާހު ކުރެވިދާނެ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ:

  • ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަގިއްޔު (32އ)
  • ރ. އިނގުރައިދޫ / އެލެސްކާ، މުހައްމަދު ވިޝާމް (28 އ)
  • ދ. މާއެނބޫދޫ / އަނބުގަސްދޮށުގެ، އަހުމަދު ނަސީރު (38އ)
  • ކ. މާލެ / މއ. ކަނޑޫގެ، އަލީ އަހުމަދު (37އ)
  • ކ. މާލެ / ހ. ގާރޑަންބިޔުޓީ، މުހައްމަދު އަކްރަމް (27އ)
  • ރ. އިނގުރައިދޫ / އެލެސްކާ، އަބްދުﷲ ވިޝާމް (26އ)
  • ހދ. ނޮޅީވަރަންފަރު / ނޫރީއާގެ، މުހައްމަދު ޝަރީފް (34އ)
  • ލ. ގަން، ތުނޑި / ޕެރިސްހޮލިޑޭ، މުހައްމަދު ފުރުގާން (33އ)
  • ތ. ތިމަރަފުށި / ތަޑިރަތްމާގެ، މުހައްމަދު ވަޖީހު (35އ)
  • ރ. ރަސްގެތީމު / ފީރޯޒްގެ، އަހުމަދު ޝިނާން (30އ)

ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ:

  • ދ. މާއެނބޫދޫ، އަނބުގޮސްދޮށުގެ، އަހުމަދު ނަސީރު
  • ކ. މާލެ، ހ. ގާޑްންބިޔުޓީ، މުހައްމަދު އަކްރަމް
  • ހދ. ނޮޅިވަރަންފަރު، ނޫރީއާގެ، މުހައްމަދު ޝަރީފް

ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަހިއްޔުއާއި ރ. އިންގުރައިދޫ، އެލެސްކާ، މުހައްމަދު ވިސާމް އިސްވެހުރެ، "މަސްޖަރީ 2" ނަމަކަށް ކިޔާ ދޯންޏެއްގައި ބަރުދަނުގައި 72 ކިލޯ ހުންނަވަރުގެ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރި މައްސަލާގައި ހިމެނޭ 10 މީހުންނަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވާއިރު އޭގެ ތެރެއިން ތިން މީހަކަށް ވަނީ ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ ކޮށްފައެވެ.

މީގެ ތެރެއިން ދެ މީހަކަށް ކުރި ތިން ދައުވާއެއް ކްރިމިނަލް ކޯޓުން މިދިޔަ މަހު ބޭރުކޮށްލީ ތަހުގީގުގެ މުއްދަތު ގާނޫނާ ހިލާފަށް އިތުރުކޮށްދިން ކަމަށް ބުނެއެވެ.