ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ސްޓެލްކޯ ހިޔާގެ ދެ ފްލެޓަށް އެކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ މަސައްކަތް ފަށައިފިއެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ސްޓާފް ހައުސިން ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ސްޓެލްކޯ ހިޔާގެ 2 ޓަވަރަށް އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ނިންމި ނިންމުމާއި އެއްގޮތަށް ކަރަންޓު ދިނުމަށްޓަކައި ބަހައްޓަންޖެހޭ ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރަތްކުރަމުންދާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފްލެޓުތަކަށް އަންނަ ސެޕްޓެމްބަރު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އެޗްޑީސީން ވަނީ މީގެކުރިން ބުނެފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކް އެޅުމުގެ މަޝްރޫއު ކުރިއަށް ދަނީ ބްރައުންސް-ސީއެމްއީސީ ކުންފުންޏާ ހަވާލުކޮށްގެން ސްޓެލްކޯގެ އެއްބާރުލުމާއެކުގައެވެ. އެ މަޝްރޫއުގައި ސްޓެލްކޯގެ މަސްއޫލިއްޔަތަކީ އެ ކޯޕަރޭޝަނާއެކު ވެފައިވާ އެއްބަސްވުމުގައި ވާ ގޮތަށް އެ މަޝްރޫއުގެ ޑިޒައިންތައް ބަލާ ފާސްކޮށް، ޓެކްނިކަލް ކޮންސަލްޓެންސީ ދިނުމެވެ.