ގއ. ވިލިނގިލީގައި އަންހެނެއްގެ އަތުގައި ދަތް އަޅައި އިނގިލި ބުރިކޮށްލި މީހާގެ މައްޗަށް 5 ދައުވާއެއް ކުރަން ފޮނުވައިފިއެވެ.

އެ މައްސަލައިގައި މިދިޔަ މަހުގެ ތިންވަނަ ދުވަހު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި އުމުރުން 35 އަހަރުގެ މީހެއް ކަމަށްވާ ގ. ޗެރީ ހައުސް، އަލީ ހަސަން ވަނީ މި މަހުގެ 4 ވަނަ ދުވަހު ދޫކޮށްލާފައެވެ.

ޕީޖީއިން ބުނީ ޝަރީއަތް ނިމެންދެން އަލީ ހަސަން ބަންދުކޮށްދެއްވުން އެދި މި މަހުގެ 7 ވަނަ ދުވަހު ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާ ގުޅޭ އަޑުއެހުމެއް މިމަހުގެ 13 ވަނަ ދުވަހަށް ބާއްވަން ވަނީ ކޯޓުން ތާވަލުކޮށްފައެވެ.

އެ ހާދިސާ ހިނގައިފާ ވަނީ ކުރީގެ އޭނާގެ ކައިވެންޏަށް ލިބިފައިވާ ދަރިންތަކެއް ވަގަށް ނަގަން ދަންވަރު ވަގުތެއްގައި އެ ގެއަށް ވަދެ އުޅެނިކޮށް ފަޅާއަރައި ހިންގި މާރާމާރީގައެވެ. އެ މާރާމާރީގައި ތިން އަހެނަކާއި އެއް ފިރިހެނަކަށް އެކި ވަރުގެ އަނިޔާވެފައިވާއިރު 39 އަހަރުގެ އަންހެނެއް އިނގިލީގައި ދަތް އަޅާ ބުރިކޮށްލައިފާވާއިރު 31 އަހަރުގެ އަންހެނެއްގެ މުލަށްދަޑީގައި ވަނީ ދަތް އަޅާފައެވެ.

އަދި 60 އަހަރުގެ އަންހެނެއްގެ އިނގިލި ބިންދާފައިވާއިރު 74 އަހަރުގެ ފިރިހެނެއްގެ އަނގަ މަތި ވަނީ ފަޅާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަލީގެ ކުރީގެ އަންހެނުންނާއި އޭނަގެ މަންމަ އަދި އެ އާއިލާގެ ފިރިހެނެކެވެ.

ޕީޖީއިން ބުނީ އަލީ ގއ. ވިލިނގިލި، ޝާދީވިލާ ގެއަށް ހުއްދަނުހޯދައި ވަދެ، އެގޭގައި ތިބި ބަޔަކާމެދު މާރާމާރީ ހިންގައި ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި އޭނާގެ މައްޗަށް 5 ދައުވާއެއް ކުރުމަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.

ދައުވާތަކާއި އަސާސީ އަދަބު:

  • ގާނޫނު ނަންބަރު 9/2014 ގެ 120 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ހަވާލާދީ، އެމާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގެ i ގެ ދަށުން، އަނިޔާއެއް ދިނުމުގެ ކުށުގެ 2 ދައުވާ. އަސާސީ އަދަބު: ކޮންމެ ދައުވާއަކަށް 1 އަހަރާއި 7 މަހާއި 6 ދުވަސް
  • ގާނޫނު ނަންބަރު: 9/2014 120 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ. އަސާސީ އަދަބު: 2 މަހާއި 12 ދުވަސް
  • ގާނޫނު ނަންބަރު: 9/2014 ގެ 230 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ. އަސާސީ އަދަބު: 4 މަހާއި 24 ދުވަސް
  • ގާނޫނު ނަންބަރު: 9/2014 ގެ 120 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ހަވާލާދީ، އެމާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގެ ދަށުން، ގައިގާ އަތްލުމުގެ ކުށުގެ ދައުވާ. އަސާސީ އަދަބު: 1 މަހާއި 6 ދުވަސް

ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި ފަސް މަސްދުވަހަށް އަލީ ހަސަން ޖަލަށް ލުމަށް މީގެ ކުރިން ވަނީ އަމުރުކޮށްފައެވެ.