"މަގޭ ނަބިއްޔާ" ނަމުގައި ޒުވާނުން އިސް ނަގައިގެން މާލޭގައި ސައިކަލު ބުރެއް ބާއްވަން ނިންމައިފިއެވެ.

މި ސައިކަލު ބުރު މިއަދު ހަވީރު 4 ޖަހާއިރު ރަސްފަންނު ސަރަހައްދުން ފެށުމަށް ހަމަޖެހިފައި ވާއިރު ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އިންތިޒާމު ކުރާ ފަރާތުން ވަނީ އެދިފައެވެ.

މި ސައިކަލު ބުުރު ބާއްވަން ނިންމާފައި ވަނީ އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާން، ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކުމާ ގުޅިގެން އިސްލާމީ ގިނަ ގައުމުތަކަކުން އެ ކަން ވަރަށް ބޮޑަށް ކުށްވެރިކުރަނިކޮށެވެ.

އިންޑިއާގެ ޓީވީ ޗެނަލަކުން ބޭއްވި ބަހުސެއްގައި އެ ގައުމުގެ ވެރިކަންކުރާ ޕާޓީގެ ތަރުޖަމާނު ކީރިތި ގުރުއާނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ އިންޑިއާގެ މުސްލިމުންނާއި އިސްލާމީ ބޮޑެތި ގައުމުތަކާއި އެ ގައުމުތަކުގެ ވެރިންނާއި އާއްމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އަންނަނީ އިހުތިޖާޖުތައްވެސް ކުރަމުންނެވެ.

ބީޖޭޕީގެ ތަރުޖަމާން ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ ކުށްވެރިކޮށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލާފައެވެ. އެހެންނަމަވެސް އޭގެ ފަހުން ސަރުކާރުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.