މީގެ ގަރުނަކަށްވުރެވެސް ކުރިން ނެތި ގޮސްފައި ވާ ކަމަށް ހީކުރެވިފައި ވާ މާ ސިންގާ ކަންޒު ކަހަނބުގެ ބާވަތެއްގެ ކަންޒު ކަހަނބެއް، ޕެސިފިކް ކަނޑުގެ ޖަޒީރާ ގައުމެއް ކަމަށް ވާ ގަލާޕަގޯސް އައިލަންޑްސްގައި ދިރިއުޅޭތީ ފެނިއްޖެއެވެ.
"ޗެލެނޮއިޑީޒް ފެންޓާސްޓިކަސް" އޭ ކިއުނު ބާވަތުގެ ކަންޒު ކަހަނބެއް، ގަލާގަޕޯސް އައިލަންޑްސްގައި ދިރިއުޅޭތީ ފެނިފައި ވާ އިރު، އެ ކަންޒު ކަހަނބަށް ދީފައި ވާ ނަމަކީ "ފެނާންޑާ"އެވެ. އެއީ އޭތީގެ ވަޒަން ކަމަށް ވާ ފެނާންޑީނާ އައިލަންޑަށް ނިސްބަތް ކޮށެވެ. އެއީ ގަލާޕަގޯސް އައިލަންޑްސްގެ ދެކުނުގެ ސަރަހައްދުގައި އަދި ރަނގަޅަށް ދިރާސާ ކުރެވިފައި ނުވާ ސަރަހައްދެކެވެ. އަދިވެސް ގޮވާ އަލިފާންފަރުގަދައެއް އެ ސަރަހައްދުގައި ހުރެއެވެ.
"ފެނާންޑާ" އަކީ އޭނާ ނިސްބަތްވާ ބާވަތުގެ ކަންޒު ކަހަނބުތަކުގެ ތެރެއިން، މިދިޔަ 100 އަށް ވުރެ ގިނަ އަހަރު ތެރޭގައި ފެނުނު ފުރަތަމަ، ކަންޒު ކަހަނބެވެ. މި ބާވަތުގެ ފިރިހެން ކަންޒު ކަހަނބެއް އެންމެ ފަހުން ފެނުނީ 1906 ވަނަ އަހަރުއެވެ.
"ފެނާންޑާ" ފެނިފައި ވަނީ އަލިފާން ފަރުބަދައިން ފައިބާ ދިޔާ އަލިފާން ގަނޑުވެ ނުވަތަ ހަރުވެފައިވާ ސަރަހައްދަކުން، 2019 ވަނަ އަހަރުގެ ތެރޭގައެވެ. "ފެނާންޑާ"ގެ ހަށިގަނޑުން ނެގި ޑީއެންއޭ ސާމްޕަލް، 1906 ވަނަ އަހަރު ފެނުނު ކަންޒު ކަހަނބުގެ ސާމްޕަލްއާ އަޅާ ކިއުމަށްފަހު ރިސާޗަރުން ވަނީ، ފެންޓާސްޓިކަސް ބާވަތުގެ ކަންޒު ކަހަނބު ނެތިގޮސްފައި ނުވާ ކަން ކަށަވަރު ކޮށްފައެވެ.
ޕްރިންސްޓަން ޔުނިވަސިޓީގެ ދިރާސާ ޓީމުން ވަނީ 1906 ވަނަ އަހަރު ފެނުނު ކަންޒު ކަހަނބުގެ މައުލޫމާތާއި 2019 ވަނަ އަހަރު ފެނުނު ކަންޒު ކަހަނބުގެ މައުލޫމާތު އަޅާ ބެލުމަށް ފަހު، އެއީ އެއް ބާވަތެއްގެ 2 ކަންޒު ކަހަނބު ކަމަށް ނިންމާ، އެއީ ގަލާޕަގޯސްއިން ފެންނަ އަނެއް 13 ބަވާތާ ތަފާތު ބާވަތެއް ކަމަށް ނިންމާފައެވެ.
"ފެނާންޑާ" އާއިލާގެ އިތުރު މެންބަރުންވެސް އަދި ދިރިއުޅޭނެ ކަމަށް ދިރާސާގައި ލަފާ ކޮށްފައިވެއެވެ. ދިރާސާ އާންމު ކޮށްފައި ވަނީ ކޮމިއުނިކޭޝަންސް ބައޮލޮޖީ ޖާނަލްގައެވެ.