ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އދ. މާމިގިއްޔަށް މިއަދު ހެނދުނު ވަޑައިގެންފިއެވެ.

ރައީސް މާމިގިއްޔަށް ވަޑައިގެންފައިވަނީ، އެ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހީމް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް، ޖުމްހޫރީ ޕާޓީން އިއްޔެ ބުނެފައިވާ ދަނޑިވަޅެއްގައެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސް މާމިގިއްޔަށް ވަޑައިގެންފައިވާއިރު، އެމަނިކުފާނާ އެކު އެ ރަށަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ހިމެނިވަޑައިގަންނަވައެވެ.

އެމަނިކުފާނަށް ގާސިމްގެ ވިލާ އެއާޕޯޓުން ހިންގާ މާމިގިލި އިންޓަނޭޝަނަލް އެއާޕޯޓުން ރަތް ދޫލައިގެ މަރުހަބާ އެއް ކިޔާފައިވާއިރު، މަރުހަބާ ދެންނެވުމަށް އިސްކޮށް ހުންނެވީ ކޯލިޝަންގެ އެއް ލީޑަރު ކަމަށްވާ ގާސިމް އިބްރާހީމެވެ.

ގާސިމްގެ އިތުރުން، މާމިގިލީގެ ގިނަ އާންމުން ވެސް ވަނީ ރައީސަށް މަރުހަބާ ކިޔައިފައެވެ.

ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު މާ ބޮޑު ތަފްސީލެއް ނުދެއްވި ނަމަވެސް، ވިދާޅުވީ މި ދަތުރުފުޅުގައި ރައީސާއި ގާސިމް ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީޑިއާތަކަށް އިއްޔެ ދެއްވި މައުލޫމާތުގައި އޭނާ ވިދާޅުވީ، ރައީސް ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމެވި ނަމަވެސް އެފަދަ ހުށަހެޅުމެއް ޖުމްހޫރީ ޕާޓީއަށް ލިބިފައިނުވާ ކަމަށާއި، ރަސްމީކޮށް އެފަދަ ހުށަހެޅުމެެއް ލިބުމުން ޕާޓީގެ ކައުންސިލްގައި މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމަވާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުން، ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަ ކުރާ ނަމަ، ކެންޑިޑޭޓަކަށް ވާނީ އެ ޕާޓީގެ ރައީސެވެ. އެހެންކަމުން އެ ޕާޓީގެ ކެންޑިޑޭޓަކީ ގާސިމް އިބްރާހީމެވެ

މިދިޔަ ބުދަ ދުވަހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެންމެ މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށާއި އެއީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށްޓަކައި ގިނަ މަޝްރޫއުތައް ފަށާފައިވާއިރު، ކުރިއަށް އޮތް އަހަރުތަކުގައި އެ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޑީޕީން ވެރިކަން ދަމަހައްޓަން އެދޭ ނަމަ، އެމަނިކުފާނު ހުންނެވީ ތައްޔާރަށެވެ.