ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ކުރީގެ ހުށަހެޅުންތައް ބަލައިނުގަތުމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގައި އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި ކުރީގެ ހުށަހެޅުންތައް ބަލައިނުގަތުމަށް މީގެ ކުރިން ވެސް ކޯޓުން ނިންމާފައިވެއެވެ.

ޔާމީންގެ ހުށަހެޅުންތައް ބަލައިނުގަތުމަށް ކޯޓުން ނިންމާފައިވަނީ ދިން މުައްދަތުގެ ތެރޭގައި ހުށަހެޅުންތައް ހުށަހަޅުއްވާފައި ނެތުމުންނެވެ. އެހެންވެ، ދައުލަތުގެ ހުށަހެޅުންތައް ވެސް ކޯޓުން ބަލައެއް ނުގަތެވެ.

އެ ނިންމުން އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވިއެވެ. އަދި އެ މައްސަލަ ނިމެންދެން އާރަށުގެ މައްސަލަ މަޑު ޖައްސާލުމަށް ވެސް އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގަތެވެ. ނަމަވެސް މައްސަލަ ބައްލަވާ އިސްގާޒީ އަހްމަދު ޝަކީލް ނިންމެވީ، އެ މައްސަލަ މަޑުޖައްސާލަން ހައިކޯޓުގެ އަމުރެއް ނެތުމުން މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

އިބްތިދާއީ މަރުހަލާ ނިމި، ޔާމީންގެ މައްސަލައިގެ ޝަރީއަތް އިއްޔެ ފަށާފައިވާއިރު، މި މަހު ހެކިބަސް ނަގައި ނިންމާލާނެއެވެ. އަދި ހުލާސާ ބަޔާން އޮގަސްޓް މަހު އިއްވައި، 30 ދުވަހުގެތެރޭ ހުކުމް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.