ހުޅުމާލެގެ މަގުހެދުމުގެ މަސައްކަތުގެ ދަށުން ފޭސް 1 ގެ ބާކީ ހުރި މަގުތަކާއި ފޭސް 2 ގެ ސްޓޭޖް 2 ގެ މަގުތައް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ޕްރޮޖެކްޓްގެ 75 ޕަސެންޓް ނިމިއްޖެއެވެ.

އެޗްޑީސީން ބުނީ، ފޭސް 1 ގައި 10 މަގު ހަދަމުންދާއިރު، ޖުމްލަ 1.95 ކިލޯމީޓަރު ހުންނަ ކަމަށެވެ. އަދި ފޭސް 2 ގައި 33 މަގު ހަދަމުންދާއިރު ޖުމްލަ 6.15 ކިލޯމީޓަރު ހުންނަ ކަމަށެވެ.

މީގެ އިތުރުން، ފޭސް 1 ގެ ކިއުމުލޭޓިވް ޕްރޮގްރެސް އަކީ 57 ޕަސަންޓް އަދި ފޭސް 2 ގައި 82 ޕަސަންޓް ކަމަށް ވެސް އެޗްޑީސީން ބުނެއެވެ. ތާރު އެޅުމުގެ މަސައްކަތުގެ ތެރެއިން ފޭސް 1 ގެ 44 ޕަސެންޓް އަދި ފޭސް 2 ގެ 47 ޕަސެންޓް ނިންމާލާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އޮކްޓޯބަރު 20، 2022 ގައި ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތައް ނިންމަން ހަވާލުކޮށްފައި ވަނީ އިންޑިއާގެ ދެ ކުންފުންޏަކުން އުފައްދާފައިވާ ޖޮއިންޓް ވެންޗަ ކުންފުންޏަކަށެވެ. އިންޑިއާ ކުންފުންޏާ ހަވާލާދީ އެޗްޑީސީން މީގެކުރިން ބުނީ މަގުތައް ނިންމުން ލަސްވީ ކޮވިޑް 19އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އެޅި ބައެއް ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

ހިޔާ ފްލެޓްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން ދާއިރު، އެސަރަހައްދުގެ މަގުތައް އެންމެ ޒަމާނީ ފެންވަރަށް ހަދައި އާންމުންނަށް ފަސޭހާ ވާނެ ހުރިހާ ވަސީލަތްތަކެއް ކައިރިން ލިބޭނެ ގޮތަށް މި ރޯދައިގެ ކުރިން ހަމަޖައްސަން އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ހިޔާ ފްލެޓް ސަރަހައްދުގައި ކޮންވީނިއަންޓް ސްޓޯރުތަކާއި ބޭސްފިހާރަތައް، ކްލިނިކްތައް އަދި ޑޭކެއާ އާއި ޓިއުޝަން ސެންޓަރު އަދި ގުރުއާން ކްލާސްތަކާއި ސެލޫން ހިންގަން ވަނީ ހުޅުވާލައިފައެވެ.