ތުއްތު ދަރިފުޅުގެ ހަޔާތުގެ ފުރަތަމަ 100 ދުވަހަށް ހާއްސަކޮށް އެސްޓީއޯ އިން "ތުއްތު ދަރިފުޅު" ފޮތް ލޯންޗް ކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ، "ތުއްތު ދަރިފުޅު" ފޮތަކީ ކުޑަދަރިފުޅުގެ ހަޔާތުގެ ފުރަތަމަ ދުވަސްވަރު ދިމާވެދާނެ ކަންތައްތަކާއި، އަދި އެކަންތައްތަކާ ގުޅިގެން އަމަލު ކުރަންވީ ގޮތުގެ މުއަލޫމާތު އެކުލެވޭނެހެން، އާއިލާތަކުގެ ހޭލުންތެރިކަން އިތުރުކޮށް ދިނުމުގެ މަގުސަދުގައި ތައްޔާރުކޮށްފައިވާ ފޮތެއް ކަމަށެވެ. އެގޮތުން ހޮސްޕިޓަލުގައި ތުއްތު ދަރިފުޅު އުފަންވާ ވަގުތު ދެވޭ ފަރުވާއިން ފެށިގެން، ހޮސްޕިޓަލުން ދޫކޮއްލުމަށް ފަހު ދަރިފުޅު ގެންގުޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން އެ ފޮތުގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައި ވާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެ ފޮތުގައި، ދަރިފުޅަށް ގާތުން ދިނުމާއި ބެހޭ ގޮތުން އެނގެން ޖެހޭ މުހިއްމު މައުލޫމާތުތައް އަދި ފުރަތަމަ ދުވަސްކޮޅުގައި ދަރިފުޅުގެ ހެދިބޮޑުވުމަށް އަންނާނެ ތޮބީއީ ބަދަލުތަކުގެ ތަފްސީލު ހިމަނާފައި ވާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. މީގެ އިތުރުން ފުރަތަމަ ދުވަސްކޮޅުގައި ދަރިފުޅުގެ ހަށިގަނޑު ތަޖުރިބާ ކުރާނެ ކަންތައްތަކާއި އަދި އެ ކަންކަމުގައި އާއިލާއިން ކަންކުރަންވީ ގޮތް ވެސް އެ ފޮތުގައި ވެއެވެ.

އެސްޓީއޯ އިން ބުނީ، ތުއްތު ދަރިފުޅުގެ ސިއްހަތާ ދުޅަހެޔޮކަން މަންމަގެ ދުޅަހެޔޮކަމާ ވަނީ ވަރަށް ގާތްކޮށް ގުޅި ލާމެހިފައި ކަމުން މަންމަ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ސަމާލުކަން ދޭންވީ ކަންކަންވެސް އެ ފޮތުގައި ހިމެނިފައިވާނެ ކަމަށެވެ. ޑރ. އަބްދުﷲ ނިޔާފް ގެ އެހީތެރިކަމާއެކު ތައްޔާރު ކުރެވިފައިވާ އެ ފޮތުގައި، އަލައް އުފަންވާ ދަރިފުޅުގެ އާއިލާއިން އާންމު ކޮށް ކުރާ ސުވާލުތަކާއި، އާއިލާތަކުން ސުވާލު އުފެދިދާނެ ކަމަށް ލަފާ ކުރެވޭ ވަރަށް ގިނަ ސުވާލުތަކުގެ ޖަވާބު ލިޔެފައި ވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

"ތުއްތު ދަރިފުޅު" ނަމުގައި އެސްޓީއޯއިން މިއަދު ލޯންޗްކުރެވިފައިވާ ފޮތުގެ އެހީގައި ދަރިފުޅުގެ ހަޔާތުގެ ފުރަތަމަ ދުވަސްކޮޅުގައި ލިބެންޖެހޭ އެންމެ ފުރިހަމަ އަޅާލުން ދިނުމަށް އެކަށީގެންވާ މައުލޫމާތު އާއިލާތަކަށް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ކުރިޔައްއޮތް ތަނުގައި، އަލަށް އުފަންވާ ކުދިންނަށް އެސްޓީއޯ އިން ދޭ ހަދިޔާގެ ތެރޭގައި "ތުއްތު ދަރިފުޅު" މި ފޮތް ހިމެނޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.