އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި ދިރުވާލައިގެން ރާއްޖެއަށް އެ ތަކެތި އެތެރެކުރަން އުޅުނު މީހަކު ހިފަހައްޓައިފިއެވެ.

ކަސްޓަމްސް އިން ބުނީ، މިދިޔަ މަހުގެ 30 ވަނަ ދުވަހު ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކުން އައި އެ މީހާގެ އަމަލުތައް ހުރި ގޮތުން ކަސްޓަމްސްގެ އޮފިސަރުންނަށް ޝައްކުވެގެން، އޭނާގެ ހަށިގަނޑު ބަލައި ފާސްކޮށް އިތުރަށް ސްކޭން ކުރި ކަމަށެވެ.

އެގޮތަށް ބެލި ބެލުމުން، އޭނާގެ އެތެރެހަށިން 80 ބުލެޓް ނަގާފައިވާ ކަމަށާއި، އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިނަށް ޕޮޒިޓިވް ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.

އެ އިދާރާއިން ބުނި ގޮތުގައި، އެ މައްސަލައިގައި އަތުލައިގަނެވުނު 852 ގްރާމްގެ މަސްތުވާތަކެތީގެ އަގު 1.06 މިލިއަނަށް އަރައެވެ. އަދި އެ ތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

މިދިޔަ މަހުގެ ކުރީކޮޅާއި މެދެއްހާ ތަނުގައި ވެސް ޖުމްލަ ހަ ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރިއިރު، އެ ތަކެތީގެ މަގުމަތީ އަގު 30 މިލިއަން ރުފިޔާ އަށް އަރައެވެ.