ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަ ކުރާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނެފައިވަނީ އިއްޔެ ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެވަނަ ދަައުރަކަށް ކުރިމަތިލައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއުލާނު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

މީޑިއާތަކަށް ދެއްވި މައުލޫމާތުގައި ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ، ރައީސް ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމެވި ނަމަވެސް އެފަދަ ހުށަހެޅުމެއް ޖުމްހޫރީ ޕާޓީއަށް ލިބިފައިނުވާ ކަމަށާއި، ރަސްމީކޮށް އެފަދަ ހުށަހެޅުމެެއް ލިބުމުން ޕާޓީގެ ކައުންސިލްގައި މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމަވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީން ވަނީ ކުރިއަށް އޮތް އިންތިހާބުގައި ވާދަ ކުރަން މާކުރިންވެސް ނިންމާފައެވެ. އަދި އެ ނިންމުމަށް ބަދަލެއް ގެންނަން ނުނިންމާ ކަމަށް ވެސް ވިދާޅުވިއެވެ.

ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރާއިރު ކެންޑިޑޭޓަކަށް ވާނީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ.

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެންމެ މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށާއި އެއީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށްޓަކައި ގިނަ މަޝްރޫއުތައް ފަށާފައިވާއިރު، ކުރިއަށް އޮތް އަހަރުތަކުގައި އެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޑީޕީން ވެރިކަން ދަމަހައްޓަން އެދޭ ނަމަ، އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށެވެ.

"އަޅުގަނޑު ދޭނެ ޔަގީން ކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ ރިޔާސީ އިންތިހާބު 2023. އެމްޑީޕީއަށް ވެރިކަން ކުރަން ބޭނުން ކަމަށް ވަންޏާ އަޅުގަނޑު މިހުރީ ޗޮއިސްއެއް،" ރައީސް ވިދާޅުވިއެވެ.