ލޯންޗުގަ އަންނަ ގޮތަށް އައިސް ފާލަމާ ކައިރި ކޮށްލާއިރަށް ކާރަށް އަރައިގެން ގެއަށް ދެވޭ މީހުންނަށް ރަށްރަށުގެ ކަންތައްތައް އިހުސާސް ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ވިދާޅުވީ އިގްތިސޯދީ ކަންތައްތަކުގައި އެކި މީހުންގެ ވިސްނުން ތަފާތުވާ ކަމަށާއި އެހެންކަމުން ބައެއް ކަހަލަ ލަފަޔާއި އިރުޝާދު އެކި ގޮތް ގޮތަށް އައިސްފައިވާ ކަމަށެވެ. އެހެންނަމަވެސް ރައީސް ސޯލިހު އަމަލުކުރައްވަނީ އެމަނިކުފާނަށް ލަފާދޭ އިގްތިސޯދީ މާހިރުންގެ ލަފަޔާ އެއްގޮތަށް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ބްރިޖް އެޅުން ހުއްޓާލުމާއި މާލެއިން ބޯހިޔާވަހިކަން ދިނުން ހުއްޓާލުމާއި ރަށްރަށުގައި ހިންގާ ފެނާއި ނަރުދަމާގެ މަސައްކަތްތައްވެސް ހިންގުން ހުއްޓާލުމުގެ ވާހަކަތައް ސިޔާސީ މީހުން ދައްކާ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، އެހެން ވިސްނާ މީހުން، ކޮންމެ ރަށަކަށް ތިން ކަޅުހަން ދިނުމުން ފުދޭނެ ކަމަށްވެސް ދެކޭ ކަމަށެވެ.

ރައީސް ވިދާޅުވީ އެ ފަދަ ވިސްނުން އެ އަންނަނީ ލޯންޗުގައި އަންނަ ގޮތަށް އައިސް ފާލަމާ ކައިރި ކޮށްލާއިރަށް ކާރަށް އަރައިގެން ގެއަށް ދެވޭ މީހުން ކަމަށާއި އެ ފަދަ މީހުންނަށް ރަށްރަށުގެ ކަންތައްތައް އިހުސާސެއް ނުވާނެ ކަމަށެވެ.

"އޮޑިދޯނި ފަހަރު ގެންގުޅޭ މީހުން އުޅޭ ހާލެއް. ތިމަންނަގެ ދަރިފުޅު ނޫނީ ތިމަންނަ ބަލި ވީމަ ހޮސްޕިޓަލަށް ވަގުތުން ގެންދެވޭ ބޭފުޅުންނަކަށް އިހުސާސެއް ނުވާނެ ރަށްރަށުގަ ސިއްހީ ހިދުމަތް ހޯދަން ރައްޔިތުން އެ އުޅޭ ހާލެއް"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސިއްހީ ހިދުމަތް ފުޅާކޮށް ޓާޝަރީ ހޮސްޕިޓަލް ހިސާބުގައި އަޅާތީ އެއީ ބޮޑު ހަރަދެއް ކަމަށް ބައެއް މީހުންނަށް ފެންނަނީ އެ ހިދުމަތްތައް ލިބޭތީ ކަމަށާއި ބަނދަރަކީވެސް ކޮންކްރީޓް ތަރައްގީ ކަމަކަށް ބަޔަކު ދެކުނަށް އެމަނިކުފާނު ނުދެކޭ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"އަޅުގަނޑު ނުދެކެން އެއީ ބޭކާރު ހަރަދެއް ކަމަކަށް، އެހެންމަ ފެނާ ނަރުދަމާގެ މަޝްރޫއުތައްވެސް އަޅުގަނޑު ކުރިއަށްގެންދާނަން"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ އެއީ ބޭނުން ޖެހިފަ ހުރި ކަންތައްތައް ކަމަށާއި އެކަންކަމާ ގުޅިގެން އިގްތިސޯދަށް ބޮޑެތި ބަދަލު އަންނާނެ ކަމަށާއި އެކަންތައްތައް ދައްޗަކާ ނުލާ ކުރިއަށްގެންދާނެ ކަމަށެވެ. އަދި އިގްތިސޯދީ ގޮތުން ޗެލެންޖާއި ރިސްކުވެސް އެބަހުރި ކަމަށާއި ސަރުކާރުގެ ހަރަދުތައްވެސް ކުޑަކުރަމުން ގެންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.