މިދިޔަ ހަތަރު އަހަރުގެ މުއްދަތުގައި އާންމުންނަށް ނޭނގި އެންމެ ގިނައިން ވަގު ފޯމް ހުށަހެޅި ޕާޓީއަކީ އިދިކޮޅު ޕީޕީއެމް ކަމަށް، އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އާންމުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވެއްދުމާއި، ރަޖިސްޓްރީ ވެފައިވާ ޕާޓީ ނޫން އެހެން ޕާޓީއެއްގައި ރަޖިސްޓްރީ ކޮށްފައިވާ މައްސަލަތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެ ކޮމިޝަނުން މީޑިއާ އާ ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2018 އިން ފެށިގެން މިއަދާ ހަމައަށް އެންމެ ގިނައިން ވަގު ފޯމް ހުށަހަޅާފައި ވަނީ ޕީޕީއެމުންނެވެ.

ދެވަނަ އަށް އެންމެ ގިނައިން ވަގު ފޯމް ހުށަހަޅާފައި ވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ކަމަށް ވާއިރު، ތިންވަނަ އަށް އެންމެ ގިނައިން ވަގު ފޯމް ހުށަހަޅާފައިވަނީ ލޭބާ ޕާޓީންނެވެ.

ތިރީގައި މި ވަނީ އިލެކްޝަންސް ކޮމިޝަނަށް ޕާޓީތަކުން ވަގު ފޯމްތައް ހުށަހެޅި ގޮތުގެ ތަފްސީލެވެ.

ސިޔާސީ ޕާޓީތަކަށް އާންމުން ވެއްދުމަށްޓަކައި ވަގު ފޯމްތައް އެންމެ ގިނައިން ހުށަހަޅާފައި ވަނީ މި އަހަރުގައެވެ. އެގޮތުން މި އަހަރު 272 ފޯމެއް ހުށަހަޅާފައި ވާއިރު، މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ވަގު ފޯމް ހުށަހަޅާފައި ވަނީ ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީންނެވެ. އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް މި އަހަރު 65 ވަގު ފޯމް ހުށަހަޅާފައި ވެއެވެ.

އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ "ދަ ޕްރެސް" އަށް މީގެ ކުރިން ވިދާޅުވި ގޮތުގައި، ވަގު ފޯމް ހުށަހަޅާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ސިޔާސީ ޕާޓީތަކުގެ ގަވައިދަށް އިސްލާހުތަކެއް ހުށަހަޅަން ނިންމައި، އެ އިސްލާހުތައް ބަންޑާރަނައިބުގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

އެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މިހާރު ވެސް އެ ކޮމިޝަނުން މަޝްވަރާތައް ކުރަމުން ދާ ކަން އޭނާ އޭރު ފާހަގަ ކުރެއްވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މި މަހުގެ ފުރަތަމަ ދުވަހު ބުނީ،، ސިޔާސީ ޕާޓީތަކުން ހުށަހަޅާ ވަގު ފޯމްތައް މަދު ކުރުމަށްޓަކައި ފޯމަކަށް 10،000ރ ގެ ރޭޓުން ޖޫރިމަނާކޮށް، އެ ފޯމް ހުށަހަޅާ ޕާޓީގެ ރަޖިސްޓްރާ ވެސް ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށެވެ.

ވަގު ފޯމްތަކުގެ މައްސަލަ މިފަހުން ބޮޑުވެފައިވާއިރު، ބައެއް ޕާޓީތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނާއި އެ ބޭފުޅުންގެ އާއިލާ އެހެން ޕާޓީތަކުގައި ރަޖިސްޓްރީކޮށްފައިވާ މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ.