ރާއްޖެއަށް މަހުން މަހަށް ބޭނުންވާ ބޭހާއި ކާޑާއި ތެޔޮ ދަތިކަމެއް ނެތި ގަނެވޭ ވަރަށް ދައުލަތުގައި ފައިސާ އެބަހުރި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު ވިދާޅުވީ ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ އުނދަގޫ ހާލަތުގެ އަސަރު ރާއްޖެއަަށް ކުރާނެކަން ގަބޫލުކުރަން ޖެހޭނެ ކަމަށާއި ރާއްޖޭގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކޭ ހާލަތަށް ގައުމު ގޮސް ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ.
އެ ވާހަކަތަކުގެ ސަބަބުން ރައްޔިތުން ކަންބޮޑުވުމެއްގެ ތެރެއަށް ހާސްކަމެއްގެ ތެރެއަށްދާ ކަމަށާއި އެއީ ސިޔާސީ ބޭނުމަށް ވެސް ދައްކައިގެން ވާނެ ވާހަކަތަކެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ދަރަނި ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން 113 ޕަސެންޓަށް އަށް އަރައި ޖުމްލަ 100 ބިލިއަން ރުފިޔާއާ ގާތްކުރާ ހިސާބަށް ދިޔައީ އެއް ދުވަހަކުން ނޫން ކަމަށާއި 2012 ނިމުނުއިރު ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 17 ބިލިއަން ރުފިޔާގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 2013 އިން 2018 އާ ދެމެދު ޖުމްލަ ދަރަނި 62 ބިލިއަން ރުފިޔާއަށް އެރިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވާއިރު އިއްޔެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ޖޫން އަދި ޖުލައި މަހުގެ ބަޖެޓުކޮށްފައިވާ ޑެފިސިޓަކީ 150 މިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެއް ކަމަށާއި ޖުލައި މަސް ނިމޭއިރު ސަރުކާރަށް ބޭނުންކުރެވޭ ދައުލަތުގެ ރިޒާވުގައި ކިތައް ދުވަހުގެ ކާޑާއި ތެޔޮ އަދި ބޭހުގެ ފައިސާ ހުންނާނެ ކަމަށް ލަފާކުރެވޭތޯ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާ ސުވާލުކުރުމަށް ހުށައަޅުއްވާފައެވެ.