މާލޭ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ފުރަތަމަ 3،000 ގޯތި މިމަހު އިއުލާން ކުރައްވާނެ ކަމަށް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. މިއީ މާލެ ރައްޔިތުންނަށް ދޫކުރުމަށް ރައީސް ވައުދުވެވަޑައިގެންފައި ވާ 5000 ގޯތީގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރާ 3000 ގޯތީގެ ވާހަކައެވެ.

މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލޭ ރަށްވެހިންނަށް ބިންވެރިކަން ހޯދައިދިނުމުގެ މަޝްރޫއު ފެށުމުގެ ގޮތުން އެންމެ ފަހުން ކުރަން ހުރި ކަންކަން މިހާރު ނިމިފައިވާ ކަމަށެވެ. އެހެންކަމުން މި މަސް ނިމުމުގެ ކުރިން ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވައިލާނެ ކަމަށެވެ.

"ފުރަތަމަ އިއުލާނުކުރާން ނިންމާފައި ވަނީ 3000 ގޯތި. އެ ގޯތިތައް ހިމެނެނީ ހުޅުމާޅެ، ގުޅީފަޅު އަދި ގިރާވަރު ފަޅުގައި"
ރައީސް ސޯލިހު

ގިރާވަރު ފަޅު ހިއްކައިގެން ހަދަނީ 2000 ގޯއްޗެވެ. ބާކީ 1000 ގޯތި ހުޅުމާލެއިން ދޫކުރާ އިރު އަނެއް 2000 ގޯތި ދޫކުރާނީ ގުޅީފަޅުންނެވެ.

މާލޭ ރަށްވެހިންނަށް ގޯތި ދޫކުރާ ވާހަކަ ރައީސް އެންމެ ފުރަތަމަ އިއުލާން ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ފެބްރުއަރީ ތިން ވަނަ ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައެވެ.

މީގެ އިތުރުން އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫއުގެ ތަފްސީލުތައް ވެސް ރައީސް އޭރު ދެއްވިއެވެ. އެގޮތުން ޖުމްލަ 2180 ގެދޮރުގެ މަސައްކަތް އެކި މަރުހަލާގައި ކުރިއަށް ދާ ކަމަށާއި، ގެދޮރުވެރިޔާ ލޯނުގެ ގޮތުގައި 82 މީހަކަށް 42 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށްވެސް ރައީސް ވިދާޅުވެފައި ވެއެވެ.