އާ މަޝްރޫއުތައް ފެށުން މިވަގުތު ހުއްޓާލައިފައި ވާ ކަމަށާއި ކުރިއަށް ދާނީ ފަށާފައި ހުރި މަޝްރޫއުތައް އެކަނި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ، އިގުތޯސީ ފިޔަވަޅުތައް ސަރުކާރުން އަޅަނި ހަރުދަނާ ކަމާއެކުގައި ކަމަށާއި، މިވަގުތުގެ ވިސްނުން ހުރީ ލޯން ނަގައިގެން އާ އެއްވެސް މަޝްރޫއެއް ނުހިންގުމަށް ކަމަށެވެ. ނަމަވެސް މިހާރު ސޮއި ކުރެވި އަދި ކުރިއަށް ދާ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިގުތިސޯދީ ހާލަތާ ގުޅިގެން ވާހަކަ ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ދަރަނި ބޮޑުވެ 100 ބިިލިއަން ރުފިޔާއާ ގާތަށް ގޮސްފައި ވިޔަސް ދަރަނި އަދާކުރުމުގައި މި ވަގުތު ބޮޑު ގޮންޖެހުމެއް ނެތް ކަމަށެވެ.

ބައެއް ފަރާތްތަކުން އިގްތިސާދާ ބެހޭ ގޮތުން ދައްކަނީ ހަގީގަތާ މާ ދުރު ވާހަކަތަކެއް ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންނަށް ހާސްކަން ކުރިމަތިވާ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، ބައެއް މީހުން އެ ގޮތަށް އެ ވާހަކަ ދައްކަނީ ސިޔާސީ ބޭނުމުގައި ކަމަށެވެ.

"ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތި އުނދަލުގެ އަސަރު ރާއްޖެއަށް ވެސް ކުރާނެ. އެއީ އޮޅުމެއް ނެތި އެނގެން އޮތް ކަމެއް،"
ރައީސް ސޯލިހު

ރައީސް ވިދާޅުވީ އިގްތިސާދީ ހާލަތުގެ ސަބަބުން ބައެއް މަޝްރޫއުތައް މެދުކަނޑާލި ނަމަވެސް ކުރިއަށް ދާ މަޝްރޫއުތައް ހުއްޓާނުލައި ގެންދިޔުމުގައި ދައްޗެއް ނެތް ކަމަށެވެ.

މީގެ އިތުރުންވެސް ރައީސް ވަނީ ކާޑާއި ތެލާއި ބޭސް ހޯދުމައިވެސް ފައިސާގެ ދަތިކަމެއް ނެތް ކަމަށް ވިދާޅުވެ ޔޫސަބަލް ރިޒާވްގައި ރަނގަޅު އަދަދަކަށް ފައިސާ ހުރިކަމަށް ވިދާޅުވެފައެވެ. އެ ނުކުތާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއަހަރު ނިމެންދެންވެސް ދަތިކަމެއް ނެތި ހޭދަކުރާނެ ފައިސާ ހުރި ކަމަށެވެ. ނަމަވެސް ޔޫސަބަލް ރިސާވުގައި ހުރި އަދަދަކީ އާންމު ކުރާ އަދަދެއް ނޫން ކަމަށާއި އެމްއެމްއޭއިން ބޭނުން ނަމަ ހާމަ ކުރެވިދާނެ ކަމަށެވެ.