ވޯލްޑް އޯޝަންސް ޑޭ ފާހަގަ ކުރުމަށް ބީއެމްއެލްއިން ޑައިވް ކްލަބްތަކާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް 'ޑިސްކަވާ ޑައިވް' ގެ ހަރަކާތްތަކެއް ހިންގައިފިއެވެ.

ބީއެމްއެމްއެލްއިން ބުނީ އެ ޑައިވްގައި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތް ޑިސޭބިލިޓީސް އަދި އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން 18 ކުދިން ބައިވެރިވެފައިވާ ކަމަށެވެ.

ރާއްޖޭގައި ފާހަގަކޮށްލެވޭ 3 ޑައިވް ސެންޓަރަކުން އެ ހަރަކާތް ހިންގުމުގައި ބައިވެރިވެފައިވާއިރު އޭގެތެރޭގައި ޑައިވަސް ލޮޑްޖް މޯލްޑިވްސް އާއި ޑައިވް ކްލަބް މޯލްޑިވްސް އަދި މޫދު ބުޅާ ޑައިވް ސެންޓަރު ހިމެނެއެވެ.

ބީއެމްއެލްއިން ކުރިއަށް ގެންދިޔަ ޑައިވްކުރުމުގެ ހަރަކާތް/ ފޮޓޯ: ބީއެމްއެލް

ބީއެމްއެލްއިން ބުނީ އެ ޕްރޮގްރާމް ހިންގުމުގެ މައިގަނޑު އެއް މަގްސަދަކީ ޑައިވް ކުރުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތެރަޕިއުޓިކް ކަމަކަށް ވުމާއެކު އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެކުދިންނަށް ވެސް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ.

ބީއެމްއެލްއިން ކުރިއަށް ގެންދިޔަ ޑައިވްކުރުމުގެ ހަރަކާތް/ ފޮޓޯ: ބީއެމްއެލް

ވޯލްޑް އޯޝަންސް ޑޭ އާ ގުޅިގެން ބޭންކުން ވަނީ 'މޫދު މޯމެންޓްސް' ގެ ނަމުގައި ޓިކްޓޮކް ޗެލެންޖެއްވެސް ހުޅުވާލާފައެވެ. އެ ޗެލެންޖުގައި މޫދު ސިފަވާ ގޮތް ނުވަތަ މޫދަކީ ކޮބައިކަން ހާމަކޮށް ވީޑިއޯއެއް އުފައްދައި ޓިކްޓޮކްގައި ހިއްސާކުރަންޖެހޭ ކަމަށާއި ޓިކްޓޮކްގައި ޕޯސްޓްކުރާ ވީޑިއޯތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ގިނަ އިނާމުތަކެއް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން އިތުރަށް ބުނީ އެ ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ލިބިގެންދާނެ ކަމަށެވެ.