އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް އެމްޑީޕީގެ މެންބަރުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޑީޕީން ބުނީ، އެ ޕާޓީގެ އަސާސީ ގަވާއިދުގެ 101 ވަނަ މާއްދާގައި ބުނާ ދާއިމީ ކޮމެޓީތަކަށް ކުރިމަތިލާން ބޭނުންވާ އެ ޕާޓީގެ މެންބަރުން އެކަމަށް އެދި ހުށަހޭޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މި މަގާމްތަކަށް ކުރިމަތިލާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު ފަހުގެ 2:00 ގެ ކުރިން ކަމަށް އެންޑީޕީން ބުނެއެވެ.

ދާއިމީ ކޮމިޓީތަކަށް އެދި ހުށަހެޅުމަށް ގޫގުލް ފޯމެއް ފުރަން ޖެހޭ އިރު، އެ ފޯމު ފުރިހަމަ ކުރުމަށްފަހު ޕާސްޕޯޓް ފޮޓޯއަކާއި، އައިޑީ ކާޑުގެ ސާފު ކޮޕީއަކާއި ޕާޓީއަށް ކޮށްދީފައިވާ ހިދުމަތްތައް ހިމެނޭ ގޮތަށް މީހާގެ މައުލޫމާތު ހިމެނޭ ސީވީއެއްގެ ޕީޑީއެފްކޮށް ހުށަހެޅުމަށް އެމްޑީޕީން ބުނެއެވެ. އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުގައި 16 ދާއިމީ ކޮމިޓީއަކަށް ކުރިމަތިލާން މެންބަރުންނަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގެ 101 ވަނަ މާއްދާގައި ބުނާ ދާއިމީ ކޮމެޓީތައް:

  • ފިޔަވަޅުއަޅާ ކޮމިޓީ
  • އިންތިހާބާ ބެހޭ ކޮމިޓީ
  • އިގްތިސޯދީ ކަންކަމާ ބެހޭ ކޮމިޓީ
  • ތައުލީމާބެހޭ ކޮމިޓީ
  • ސިއްހަތާއި ވެލްފެޔާއާ ބެހޭ ކޮމިޓީ
  • މީޑިއާ ކޮމިޓީ
  • ބައިނަލްއަގްވާމީ ގުޅުންތަކާ ބެހޭ ކޮމިޓީ
  • މަސައްކަތާ އިޖްތިމާއީ ހިދުމަތްތަކާ ބެހޭ ކޮމިޓީ
  • މަސްވެރިކަމާއި ދަނޑުވެރިކަމާއި ގުދުރަތީ ވަސީލަތްތަކާ ބެހޭ ކޮމިޓީ
  • ގެދޮރާ ބެހޭ ކޮމިޓީ
  • ގާނޫނީ ކަންކަމާ ބެހޭ ކޮމިޓީ
  • އިންތިޒާމް ކުރުމާ ބެހޭ ކޮމިޓީ
  • ހޯދުންތަކާއި ސިޔާސަތް އެކުލަވާލުމާ ބެހޭ ކޮމިޓީ
  • ސަލާމަތާ ބެހޭ ކޮމިޓީ
  • ދަތުރުފަތުރާ ބެހޭ ކޮމިޓީ
  • ހައްގު ކޮމިޓީ

އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައި ވާއިރު، އިއްޔެ ވަނީ އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމަށް ވެސް ފުރުސަތު ހުޅުވާލާފައެވެ.

މިދިޔަ މަހު އެމްޑީޕީގެ އެތެރޭގެ އިންތިހާބު ނިމި ޕާޓީގެ މަގާމުތަކަށް މެންބަރުން އިންތިހާބު ކޮށްފައި ވާ އިރު، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވަޑައިގެންނެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. އެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ފައްޔާޒު ވަނީ އެމްޑީޕީއަށް މުހިންމު ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ.