ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައިސް އޮފީހުން ބުނީ، އެމަނިކުފާނު ނޫސްވެރިންނާ ބައްދަލު ކުރައްވާނީ، މިއަދު ހަވީރު 4:00 ގައި ކަމަށެވެ. ރައީސް ސޯލިހް ނޫސްވެރިންނާ ބައްދަލު ކުރައްވަން ނިންމާފައި މިވަނީ ނޫސްވެރިންނާ ބައްދަލު ނުކުރައްވާތާ ގިނަ ދުވަސްތަކަކަށް ފަހުގައެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ދައުރު ފެށުނު ފަހުން ކައިރި ކައިރީގައި ނޫސްވެރިންގެ ބައްދަލުވުންތައް ކުރިން ބޭއްވިއެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ ރާއްޖެ ކުރިމަތިލާން ޖެހުމުން ނޫސްވެރިންގެ ބައްދަލުވުމންތައް ބާއްވަމުން އަންނަނީ ވަންނަނީ ދުވަސްފަހުންނެވެ. އެ ގޮތުން އެންމެ ފަހުން އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކޯށްފައި ވަނީ މިދިޔަ އޮގސްޓް މަހުގެ ތެރޭގައެވެ.

މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމާފައި ވަނީ ސަރުކާރުގެ ނިންމުންތަކާ ގުޅިގެން ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބު ނުލިބޭތީ އެ ޝަކުވާ ނޫސްވެރިން އުފުލަމުން ދާތާ ދުވަސްކޮޅެއް ވެފައި ވަނިކޮށެވެ. އެ ގޮތުން ސަރުކާރުގެ ބައެއް ނިންމުންތަކާއި ސަރުކާރުގެ ބައެއް މަޝްރޫއުތަކާ ގުޅިގެން ނޫސްވެރިން އަންނަނީ ގިނަ ސުވާލުތައް ކުރަމުންނެވެ.