އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހަޅަން ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ ކޮންގްރެސް 2022 އަށް ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާ ކަމަށާއި އެ ފުރުސަތު މި މަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

އިސްލާހު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ ގޫގުލް ފޯމެއް ފުރައިގެންނެވެ. އެއް މާއްދާއަށް ވުރެ ގިނަ މާއްދާއަށް ނުވަތަ އެއް އިސްލާހަށް ވުރެ ގިނަ އިސްލާހު ހުށަހަޅާ ނަމަ، ހުށަހަޅުއްވާ މާއްދާ އެނގޭނެހެން އެއް ފޯމަކުން އިސްލާހުތައް ހުށަހެޅުމަށް އެ ޕާޓީން ވަނީ އެދިފައެވެ. އަދި އިސްލާހުގެ ޕީޑީއެފް އަދި ވޯޑް ފައިލް ވެސް އެޓޭޗް ކުރުމަށް އެ ޕާޓީން ބުނެއެވެ.

މިދިޔަ މަހު އެމްޑީޕީގެ އެތެރޭގެ އިންތިހާބު ނިމި ޕާޓީގެ މަގާމުތަކަށް މެންބަރުން އިންތިހާބު ކޮށްފައި ވާ އިރު، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވަޑައިގެންނެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. އެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ފައްޔާޒު ވަނީ އެމްޑީޕީއަށް މުހިންމު ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ.