ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ މަޖިލީހުން ބޭރުކޮށްލުމުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އެމްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ރަސޫލާއަށް ފުރައްސާރަކޮށް، އެކަލޭގެފާނުގެ އަބުރުފުޅަށް ހުތުރުވާގޮތަށް، އިންޑިއާގެ ބީޖޭޕީގެ ތަރުޖަމާނު ނުޕުރް ޝަރުމާ ދެއްކި ވާހަކަތައް އެޕާޓިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މިކަމުގައި މުޅި މުސްލިމް އުންމަތުގެ ކިބައިން މާފަށް އެދި، މިފަދަ ނޭއްގާނީ އަމަލުތައް ތަކުރާރު ނުވާކަމުގެ ޔަމީންކަން ދިނުމަށް ބީޖޭޕީއަށް އެމްޑީއޭއިން ވަނީ ގޮވާލައިފައެވެ. މިމައްސަލައިގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަލިޖީލަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލާފައި ވާތީ، އެކަންވެސް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެމްޑީއޭއިން ވަނީ ބުނެއެވެ.

އަދި މިމައްސަލަ މަޖިލީހުން ބޭރުކުރުމަށް ވޯޓު ދެއްވި އެންމެހާ މެންބަރުން ތައުބާވެ، ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް ވެސް ވަނީ ގޮވާލަާފައެވެ.

އެމްޑީއޭއިން އިތުރަށް ބުނީ، ރަސޫލާ އަކީ މި ބިންމައްޗަށް ފޮނުއްވި އެންމެ ތޯހިރު އިންސާނާ ކަމުގައި ވީހިނދު، އެކަލޭގެފާނަށް ފުރައްސާރަ ކުރުމުގެ ގޮތުން ކުރެވޭ ކޮންމެ އަމަލަކީ މުސްލިމުންގެ ހިތާއި ރޫއާ ދެކޮޅަށް ކުރެވޭ ހަނގުރާމައެއް ކަމަށެވެ. އަދި އެފަދަ ކޮންމެ ނޭންގާނީ އަމަލަކާ ދެކޮޅުހަދައި، މި އުންމަތުގެ ނަބިއްޔާ ދިފާއު ކުރުމަކީ އެންމެންގެ މައްޗަށް އޮތް މަތިވެރި ވާޖިބެއް ކަމަށް އެމްޑީއޭއިން ވަނީ ބުނެއެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޕީޕީއެމްއާއި އަދާލާތާއި ޖުމްހޫރީ ޕާޓީއާއި އެމްޑީޕީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ ތެރެއިން އެމްއެންޕީން ވަނީ މި މައްސަލައިގައި ހުރިހާ މުސްލިމުންގެ ކިބައިން ބީޖޭޕީން މައާފަށް އެދުމަށް ގޮވާލާފައެވެ.

މި މަހުގެ 5 ވަނަ ދުވަހު އިންޑިއާގެ ޓީވީ ޗެނަލެއްގައި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައި ވަނީ ބީޖޭޕީގެ ނޭޝަނަލް ސްޕޯކްސްޕާސަން ނުޕުރް ޝަރުމާއެވެ. ނިއުދިއްލީގައި ހުންނަ ބީޖޭޕީ ޕާޓީގެ މީޑިއާ އިންޗާޖް ނަވީން ކުމާރު ފުރައްސާރަ ކުރީ ޓްވިޓާގައެވެ.

އެމީހުން ދެއްކި ވާހަކަތައް ހޫނުވެ, އިސްލާމީ ގައުމުތަކުން ނުރުހުން ފާޅުކުރަން ފެށުމުން ބީޖޭޕީއިން ވަނީ ދެ މީހުންނާމެދު ފިޔަވަޅު އަޅާފައެވެ. އެގޮތުން, ނުޕުރް ޝަރުމާ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށް, ނަވީން ކުމާރު ވަނީ ޕާޓީން ވަކި ކޮށްފައެވެ.