މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކުރިއިރު ފާހާނާ ދޮރުފަތުގެ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލާގައި އެކަމަށް އިއުތުރާފުވި ނަމަވެސް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެ މައްސަލާގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން ދައުވާކުރީ މއ. ރޯޝަނީމަންޒިލް، އަހުމަދު އަޝްވާން، ށ. މިލަންދޫ، ނަސީމީ ވިލާ، މުހައްމަދު ނާޖިހު އަދި ގއ. ނިލަންދޫ، އަބްދުﷲ ޝަރުވަތު ޝިހާބުގެ މައްޗަށެވެ.

މެއި 25، 2019 ވަނަ ދުވަހު 3 މީހުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ގ. ޕެލިކަންގޭގެ ތެރެއިންނެވެ. ފުލުހުން ވަނީ އެ މީހުން އުޅެމުންދިޔަ ކޮޓަރީގެ ފާހަނައިގެ ދޮރުފަތުގެ ތެރޭގައި އޮތް 73 ރަބަރު ޕެކެޓެއްގެ ތެރެއިން ޖުމުލަ 5.2145 ގްރާމްގެ ޑައިމޯފިން އަތުލާފައެވެ.

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާއަށް 3 މީހުންވެސް އިންކާރުކޮށްފައި ވީނަމަވެސް އެއީ އެމީހުންގެ ތަކެތި ކަމަށާއި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތިން މީހުން ވެސް ވަނީ އިއުތިރާފުވެފައެވެ.

މި މައްސަލާގައި ދައުލަތުން ވަނީ ގިނަ ހެކިތަކެއްވެސް ހުށައަޅާފައެވެ. އަދި ދިފާއުން ހެކިތަކެއް ހުށަހަޅާފައިވާއިރު އޭގެ ތެރޭއިން ސ. ހިތަދޫ/ ދަނޑަގެ، މުހައްމަދު އަފްޒަލް ޒުބައިރު ވަނީ ފެނުނު ތަކެއްޗަކީ އޭނާގެ އެއްޗެހި ކަމަށާއި އެއީ އޭނާ ބޭނުން ކުރުމަށް ގެންގޮސްފައިވާ ތަކެތި ކަމަށް އިއުތިރާފުވެފައެވެ. އަދި ފުލުހުން އެތަކެތި އަތުލައިގަތް ކޮޓަރިއަކީ އޭނާ ކުއްޔަށް ނަގާފައިވާ ތަނެއް ކަމަށާއި އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ކަމުން އެ ކޮޓަރީގައި ހުރި މަސްތުވާތަކެއްޗަކީ އޭނާ ބޭނުން ކުރަން ގެންގޮސް ފޮރުވާފައިހުރި މަސްތުވާތަކެތި ކަމުގައިވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން އަފްޒަލް ވަނީ 2003 ވަނަ އަހަރުން ފެށިގެން ކޯޓުގައި ފަރުވާ ހޯދައިދިނުމަށް އެދެމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް ފަރުވާއެއް ލިބިފައިނުވާ ކަމަށް ވެސް ބުނެފައެވެ.

އަފްޒަލް ކޯޓުގައި އެފަދައިން ބުނެފައިވީ ނަމަވެސް ހާދިސާ ހިނގިތާ ކައިރީގައި ބޭއްވުނު މުއްދަތު މަޖިލީހުގައި ތިން ފަރާތުން ވެސް ވަނީ އެތަކެއްޗަށް އިއުތިރާފުވެފައެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެކުށް ކުރިކަން އެކަށިގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކުރުމަށް ބޭނުންވާ ހެއްކާއި ގަރީނާ ލިބިފައިނުވާތީ ދައުލަތުން ދައުވާ ލިބޭ ތިން މީހުންގެ މައްޗަށް ކޮށްފައިވާ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުނުވާ ކަމަށް ނިންމާ ކަމަށެވެ.