ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި ޕީއެސްއެމްގެ ތެރޭގައި ހިންގި ކަމަށް ތުހުމަތުކުރެވޭ 100 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއޯ) އިން ބަލަން ނިންމައިފިއެވެ.

އެސްއޯއޯ ކޮމެޓީއަށް އެ މައްސަލަ ހުށައެޅުއްވި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ ޕީއެސްއެމްއިން 100 މިލިއަން ރުފިޔާއަށް ހިޔާނަތްތެރިވި ކަމަށް ވާހަކަދެކެވެމުން ދަނިކޮށް، އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓް ވެސް އުވާލައި އެ މަސައްކަތް އައުޓް ސޯސްކުރަން ނިންމާފައި ވާތީ އަވަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަން ޖެހޭ ކަމަށެވެ.

ނިހާދު ވަނީ އެ މައްސަލައިގެ ތުހުމަތުތަކާ ގުޅޭ ގޮތުން އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބެލުމަށާއި އަދި އޮޑިޓް ޑިޕާޓްމަންޓް އުވާލި މައްސަލަ ވެސް ބެލުމަށެވެ. އެ ކޮމިޓީގައި ހިމެނޭ ހުރިހާ މެމްބަރުން އެ ހުށަހެޅުމަށް ތާއީދުކުރައްވާފައިވާއިރު އެ މައްސަލައާ ގުޅޭ ލިޔުންތައް ހޯދުމަށް ޕީއެސްއެމް އަށް ސިޓީ ފޮނުވަން ވެސް ވަނީ ނިންމާފައެވެ.

ވޭތުވެދިޔަ އެއް އަހަރާއި ދެ މަހުގެ ތެރޭގައި އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓުން ކުރި މަސައްކަތްތަކަށް ބެލުމަށް ފަހު، ލަނޑުދަނޑިތައް ކުންފުނިން އެދޭ ގޮތަށް ހާސިލްނުވާ ކަމަށް ބުނެ، އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓް އުވާލައިފާ ވަނީ މި މަހުގެ ތެރޭގައެވެ.