ހޮލީވުޑްގެ މަޝްހޫރު ބަތޮލް ޓޮމް ކުރޫޒްގެ 1986 ވަނަ އަހަރުގެ މަޝްހޫރު ފިލްމް "ޓޮޕް ގަން"ގެ ވާހަކައިގެ އަސްލަކަށް ވި ލިޔުން ޝާއިއު ކުރި ލިޔުންތެރިޔާގެ އާއިލާއިން ޕެރަމައުންޓް ޕިކްޗާޒް ގޮވައިގެން ކޯޓަށް ހިނަގައްޖެއެވެ.

ޕެރަމައުންޓް ޕިކްޗާޒްއާ ދެކޮޅަށް، ކޮޕީރައިޓްގެ ދައުވާ އުފުލާފައި ވަނީ ދާދި ފަހުން ނެރުނު "ޓޮޕް ގަން" ފިލްމުގެ ސީކުއަލްއާ ގުޅިގެންނެވެ.

ފުރަތަމަ ފިލްމުގެ ވާހަކައިގެ އަސްލަކަށް ވި އާޓިކަލް ލިޔުނު އިހޫދު ޔޯނޭގެ އާއިލާއިން ޕެރަމައުންޓް ޕިކްޗާޒް ގޮވައިގެން ކޯޓަށް ދިޔައީ، 1983 ވަނަ އަހަރުގެ ވާހަކަ "ޓޮޕް ގަންސް" އަސްލަކަށް ބަލައިގެން ސީކުއަލްއެއްގެ ގޮތުގައި "ޓޮޕް ގަން: މޭވްރިކް" ރިލީޒް ކުރުމުގެ ހައްގެއް ނޯންނާނެ ކަމަށް ބުނެއެވެ.

"ޓޮޕް ގަން: މޭވްރިކް" ރިލީޒް ކުރި ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނިވެސް 548 މިލިއަން ޑޮލަރު ހޯދާފައިވެއެވެ.

ޕެރަމައުންޓް ޕިކްޗާޒްއިން ބުނީ ދައުވާއަކީ އެއްވެސް ބުރަދަނެއް ހުރި ދައުވާއެއް ނޫން ކަމަށާ، އެ ދައުވާއަށް ގޮންޖަހާނެ ކަމަށެވެ.

ޕެރަމައުންޓް ޕިކްޗާޒްއާ ދެކޮޅަށް، ލޮން އެންޖަލީސް ފެޑަރަލް ކޯޓުގައި ދައުވާ އުފުލާފައި ވަނީ އިހޫދުގެ ހުވަފަތް އަނބިމީހާއާއި ފިރިހެން ދަރިފުޅެވެ. އާއިލާއިން ބުނާ ގޮތުގައި، މަޖައްލާއެއްގައި ޝާއިއު ކޮށްފައިވާ އިހޫދުގެ އާޓިކަލްއަށް ހަވާލާ ދިނުމަށް ޕެރަމައުންޓް ޕިކްޗާޒްއިން ފެއިލްވެފައި ވާ ކަމަށެވެ.

އާއިލާއިން މަސައްކަތް ކުރަމުން ދަނީ ވަކި އަދަދެއް ހޯދުމަށް ނޫން ކަމަށް ވާ އިރު، "ޓޮޕް ގަން: މޭވްރިކް" އިން ލިބުނު ފައިދާވެސް ބަދަލުގެ ގޮތުގައި ހޯދުމަށް އާއިލާއިން މަސައްކަތް ކުރާ ކަމަށް ހަބަރު ލިބެއެވެ.

އިހޫދުގެ އާޓިކަލްއާ ނުލާ، ޕެރަމައުންޓް ޕިކްޗާޒްގެ "ޓޮޕް ގަން" ފްރެންޗައިޒް ނުވެސް އޮންނާޏެ ކަމަށް އާއިލާއިން ވަކާލާތު ކުރެއެވެ.

ޕެރަމައުންޓް ޕިކްޗާޒްއަށް ދޫކޮށްފައިވާ އިހުދޫގެ އާޓިކަލްގެ ކޮޕީރައިޓް މުހުލަތު ހަމަވީ ޖެނުއަރީ 2020ގައި ކަމަށް އާއިލާއިން ވަކާލާތު ކުރެއެވެ.