ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އައްޑު އަތޮޅު ފޭދޫ ސޮލިޑް މުހައްމަދު ޒަޔާން މޫސާ 21އ. މަރުވި މައްސަލައާ ގުޅިގެން އިތުރު ޒުވާނަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ޒަޔާންގެ މަރުގެ މައްސަލައި ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރު ކުރީ 15 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.

މި މައްސަލާގައި ރޭ ވެސް ކުއްޖަކު ހައްޔަރު ކުރިއެވެ. އެއީ 16 އަހަރުގެ ކުއްޖެކެވެ.

އެ ކުއްޖާގެ ބަންދަށް 10 ދުވަސް ޖަހާފައި ވާއިރު، އެ ކުއްޖާ ހައްޔަރުކުރަން އުޅުނު ވަގުތު އަމާންކަން ނަގާލަން އުޅުނު އިތުރު 3 މީހަކު ވެސް ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. އެއީ 18 އަހަރުގެ ދެ މީހަކާއި 29 އަހަރުގެ މީހެކެވެ. މި މީހުންގެ ބަންދަށް ވަނީ 5 ދުވަސް ޖަހާފައެވެ.

ފޭދޫގައި މިދިޔަ މަހުގެ 31 ވީ އަންގާރަ ދުވަހުގެ ރޭ ހިންގި އެ މާރާމާރީގައި ޒަހަމްވި ޒުވާނާ މަރުވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ތޫނު އެއްޗެހިން ހަމަލާ ދީ ހިންގި މި މާރާމާރީ އަކީ ދެ ގްރޫޕެއްގެ ދެމެދުގައި އުފެދުނު ހަމަނުޖެހުމެއްގެ އިތުރުން މަސްތުވާތަކެއްޗާ ގުޅުން ހުރި މާރާމާރީއެއް ކަމަށް ފުލުހުން ބުނެއެވެ.