ޓިކްޓޮކް ތަރި މަރިޔަމް ޝިފާގެ ބަދުއަހުލާގީ މައްސަލައެއް އޭނާ ނިސްބަތްވާ އެމްއެންޕީން ބަލަން ފަށައިފިއެވެ.

ޝިފާ އާއި އެހެން އަންހެނަކު ބަރަހަނާ ހާލުގައި ތިބެ، ބަދުއަހުލާގީ އަމަލެއް ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވާން ފަށާފައި ވާއިރު، އާންމުންގެ ގިނަ ބަޔަކު އަންނަނީ ޝިފާގެ މި އަމަލާ ގުޅިގެން ނުރުހުން ފާޅު ކުރަމުންނެވެ.

އެ މައްސަލައާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެމުން އެމްއެންޕީން ބުނީ، ޝިފާގެ މައްސަލަ އެ ޕާޓީގެ ސުލޫކީ ކޮމިޓީން ބަލަމުންދާ ކަމަށެވެ.

ޝިފާގެ މައްސަލަ އެމްއެންޕީގެ ސުލޫކީ ކޮމިޓީން ބަލަން ފަށާފައި ވާއިރު، އޭނާ އެ ކަން ކުރި ކަމަށް އިއުތިރާފު ވުމުން، ފެޝަން ޑިޒައިނަރު އަދި ނެށުންތެރިޔާ ޖާދުﷲ އިސްމާއީލް (ޖާދު) ވަނީ އޭނާގެ ނެށުންތެރިންގެ ގްރޫޕުން ޝިފާ ބޭރުކޮށްފައެވެ.

ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ޖާދު ވަނީ އޭނާގެ ގްރޫޕުން ޝިފާ ބޭރުކޮށްލާފައި ވަނީ އެއީ ކޮންމެ ފަދަ ހާލަތެއް ކަމުގައި ވިޔަސް، އެފަދަ އަމަލަކީ ގަބޫލުކުރެވޭނެ ފަދަ އަމަލަކަށް ނުވާތީ ކަމަށް ބުނެފައެވެ. ޖާދު މިހެން ބުނި އިރު، އެ ގްރޫޕުން އައީ ކުރިއަށް އޮތް އީދަށް ޝޯތައް ދިނުމަށް ތައްޔާރުވަމުންނެވެ.

ޓިކްޓޮކުން ވިދާލި ޝިފާ ވަނީ މިފަހުން ބައެއް ވެބް ސީރީޒްތަކުން ވެސް ޖާގަ ހޯދާފައެވެ. ނަމަވެސް އޭނާގެ ބައެއް ވާހަކަތަކާއި އަމަލުތަކުގެ ސަބަބުން އޭނާ އަށް އާންމުންގެ ފާޑުކިއުން އަމާޒުވެފައި ވެއެވެ.

އޭނާގެ އެ އަމަލާ ހެދި، އެއްވެސް ފިލްމަކުން ބޭރު ކުރިކަން އަދި އެނގޭކަށް ނެތެވެ. ނަމަވެސް ގިނަ ބަޔަކު އަންނަނީ އޭނާގެ އެ އަމަލު ކުށްވެރި ކުރަމުންނެވެ.