ފަނޑިޔާރު އަބްދުﷲ ހަމީދު މަގާމުން ވަކިކުރަން އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރުނީ، ޕާލިމަންޓް ގްރޫޕްގެ މެންބަރުންނަށް ބިރު ދައްކައިގެން ކަމަށް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ތުހުމަތު ކުރައްވައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނުއަގުގައި ދިން ފްލެޓްތަކެއް ބައްލަވައިގަތް މައްސަލައެއްގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުން ކަމަށްވާ ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފްގެ މައްސަލަ ދިރާސާ ކުރުމަށް ފަހު އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން، ޖުޑީޝަރީ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ އިމްތިޔާޒް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ މެންބަރުންގެ ގްރޫޕުން ތްރީ ލައިން ވިޕެއް ނެރުނީ އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދީފި ނަމަ، ޕާޓީން ވަކިކުރާނެ ބިރާ އެކުގައެވެ.

"އެންމެންނަށް މަޖުބޫރު ކުރުވައިގެން ވޯޓު ދޭ ގޮތް ވީމަކާ ހަމަ ގައިމު ވެސް އިތުބާރެއް ނުއުފެއްދޭނެ. އެ ނިންމާ ނިންމުންތަކުގެ އިތުބާރެއް ނުއުފެއްދޭތީވެ އަޅުގަނޑުމެން ކަންބޮޑުވަނީ. މަޖުބޫރު ކުރުވައިގެން ބިރު ދައްކައިގެން ތްރީ ލައިން ވިޕް ނެރެގެން ވޯޓު ދެވިދާނެ.."

އިމްތިޔާޒް ވިދާޅުވީ، ޖުޑީޝަރީ ކޮމިޓީން މަސައްކަތްކުރީ ތެދުވެރިކަމާ އެކުގައި ކަމަށެވެ.

ޖޭއެސްސީގެ ބަޔާނަށް ފާޑުވިދާޅުވެ، އޭނާ ވިދާޅުވީ، އެކަމާ ގުޅޭގޮތުން އެ ކޮމިޝަނުން ޖުޑީޝަރީ ކޮމިޓީ އާ ސުވާލު ކޮށްފައި ނުވާ ކަމަށާއި، އެއީ އެފަދަ މުއައްސަސާއަކުން ކުރި ޒިންމާދާރު ކަން ކުޑަ އަމަލެއް ކަމަށެވެ. އޭގެ އިތުރުން، އެ މައްސަލައިގައި ތަފާތުކުރުންތަކެއް ގެންގުޅެފައިވާ ކަން ފާހަގަކުރެވުނު ކަމަށާއި، އެފަދަ މައްސަލަތަކުގައި ހިމެނޭ ފަނޑިޔާރުންނަށް ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވުމުގެ ފުރުސަތު ދީފައިވާ ކަން ފާހަގަކުރެވޭ ކަމަށް، އޭނާ ވިދާޅުވިއެވެ.

ޖޭއެސްސީން އަމަލުކުރީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ޖުޑީޝަރީ ކޮމިޓީން ނިންމާފައިވަނީ، އެ މައްސަލައިގައި ޖޭއެސްސީން އަމަލުކޮށްފައިވާ ގޮތް ބަޔާންކޮށް ދެ ފަނޑިޔާރުންވެސް ފޮނުވި ސިޓީއަކަށް ބެލުމަށް ފަހުގައެވެ. އެ ސިޓީގައިވާ ގޮތުން:

  • ޖޭއެސްސީން ދެ ފަނޑިޔާރުންގެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޓީން ސުލޫކީ މައްސަލައެއް ކަމަށް ނިންމާފައި އޮތް ނަމަވެސް، އެ ކޮމިޓީ އަށް ބަދަލުތައް ގެނެސް ފަނޑިޔާރުން ވަކިކުރަން ނިންމާފައިވޭ
  • ދެވަނަ ފަހަރަށް ކޮމިޓީ އެކުލަވާލުމަށް ފަހު، ދެ ފަނޑިޔާރުންނަށް ޖަވާބުދާރީ ވުމުގެ ފުރުސަތެއް ނުދޭ

އެހެންވެ، ޖުޑީޝަރީ ކޮމިޓީން މި ކަންކަމަށް ބެލުމަށްފަހު، އެ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ އެ މައްސަލައިގައި އިޖުރާއީ ބައެއް ސުވާލުތައް އުފެދޭތީ ޖޭއެސްސީއަށް ސިޓީއެއް ފޮނުވުމަށެވެ. ނަމަވެސް، އެ ކޮމިޝަނުން ވަނީ އަމިއްލަ ދިފާއުގައި ބަޔާނެއް ނެރެފައެވެ.

މިއަދުގެ ޖަލްސާގައި ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓް ބަލައިގަތުމާ ގުޅޭގޮތުން ނެގި ވޯޓުގައި އިމްތިޔާޒް ވޯޓް ދެއްވީ އެ ރިޕޯޓް ބަލައިގަންނަން ފެންނަ ކަމަށެވެ. ނަމަވެސް، އެ ހުށަހެޅުން ފާސްނުވުމުން އޭނާ ވޯޓު ދެއްވާފައިވަނީ އެމްޑީޕީން ނެރެފައިވާ ވިޕާ އެއްގޮތަށް، ފަނޑިޔާރު ހަމީދު މަގާމުން ވަކިކުރުމަށެވެ.