ބީޖޭޕީގެ ތަރުޖަމާން، ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރި ކޮށްފައި ނުވާތީ އެކަން ކުށްވެރިކޮށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރުއެވެ.

މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޝަރީފް ވިދާޅުވީ، އިންޑިއާގެ ޓީވީ ޗެނަލަކުން ބޭއްވި ބަހުސެއްގައި އެ ގައުމުގެ ވެރިކަންކުރާ ޕާޓީގެ ތަރުޖަމާނު ކީރިތި ގުރުއާނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ އިްނޑިއާގެ މުސްލިމުންނާއި، އިސްލާމީ ބޮޑެތި ގައުމުތަކާއި އެ ގައުމުތަކުގެ ވެރިންނާއި އާއްމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އިހުތިޖާޖު ކުރަމުންދާ ކަމަށެވެ.

ނަމަވެސް އެ މައްސަލައިގައި ދިވެހި ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އެކަން ކުށްވެރިކޮށް އެކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަ ކަމަށް ކުއްލި މައްސަލަ ހުށަހަޅާ ކަމަށް ޝަރީފު ވަނީ ވިދާޅުފައެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ. މައްސަލަ ބަލައިގަތުމާ ދެކޮޅަށް 33 މެންބަރުން ވޯޓު ދެއްވުމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.

މި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލާފައި ވާއިރު އަދާލަތު ޕާޓީ، ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީން ވެސް ވަނީ، ބީޖޭޕީގެ ތަރުޖަމާނާއި ނިއު ދިއްލީގެ ބީޖޭޕީގެ މީޑިއާ އިންޗާޖް ވާހަކަދެއްކި ދެއްކުން ކުށްވެރިކޮށްފައެވެ.

މީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އަދި 2023ގެ ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ވާދަކުރެއްވުމަށް މަސައްކަތް ކުރައްވާ، އުމަރު ނަސީރު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ މިކަންތައް ކުށްވެރިކޮށްފައެވެ.