މަރުގެ ހުކުމް ތަންފީޒުކުރާ ވާހަކަ ދައްކަނީ ސިޔާސީ ބޭނުމަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު، ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ތޯރިގު ވަނީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މަރުގެ ހުކުމްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހުކުމް ތަންފީޒުކުރުމަށް އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ހުރިހާ އިޖްރާތްތަކެއް ފުރިހަމަވާ ގައިދީންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމާމެދު މި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ.
އަދި އެފަދަ ފަރާތްތަކުގެ ހުކުމް މި ސަރުކާރުން ތަންފީޒު ކުރާނެތޯ ތޯރިގު ވަނ ސުވާލުކުރައްވާފައެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ، ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުން ނިންމާ މަރުގެ ހުކުމްތައް ތަންފީޒުކުރުމާ ގުޅޭގޮތުން ވޭތުވެދިޔަ ބައިގަރުނެއްހާ ދުވަހު ދިވެހި ދައުލަތުން ގެންގުޅެމުންއައި ސިޔާސަތަކީ، އެކަމާ ގުޅޭގޮތުން މިހާރުވެސް އަމަލުކުރަމުން އަންނަ މޮރިޓޯރިއަމް ދެމެހެއްޓުން ކަމަށެވެ.
ވޭތުވެދިޔަ ސަރުކާރުތަކުން ސިޔާސީ އެކި ބޭނުމުގައި އެކި ފަހަރު އެކިގޮތަށް އެކި ތަންތަނުގައި މަރުގެ ހުކުމާ ގުޅުވައިގެން ވާހަކަ ދެއްކި ނަމަވެސް މި މައްސަލައިގައި އަމަލުކުރާ ސިޔާސަތަށް ދެވަނަ ޖުމްހޫރިއްޔާގެ އެއްވެސް ސަރުކާރެއްގައި އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް އިމްރާން ވިދާޅުވިއެވެ.
އަދި ވޭތުވެދިޔަ ސަރުކާރުގައި އެކަން ތަންފީޒުނުކޮށް އޮތީ މި މޭރުމުން ކަމަށް ދެކިލައްވާ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
އިމްރާން ދެއްވި މިޖަވާބަށް ފަހު ބައެއް މެންބަރުން ވަނީ މަރުގެ ހުކުމް ތަންފިޒުކުރާނަންތޯ ނުވަތަ ނޯންތޯ ތަކުރާރުކޮށް ސުވާލު ކޮށްފައެވެ. ނަމަވެސް އެ ސުވާލަށް ޖަވާބު އަރުވާފައިވާކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތުން އަދި މިނިސްޓަރު ވެސް އެކަމާ ގުޅޭ އިތުރު ވާހަކައެއް ދައްކަވާފައެއް ނުވެއެވެ.