ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކޮށް އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާނާއި ނިއު ދިއްލީގެ ބީޖޭޕީގެ މީޑިއާ އިންޗާޖް ވާހަކަދެއްކި ދެއްކުން އަދާލަތު ޕާޓީ އާއި ޕީޕީއެމް އިން ކުށްވެރިކޮށްފިއެވެ.

އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، ކީރިތި ރަސޫލާގެ ކައިވެނިފުޅުތަކާއި ގުޅޭގޮތުން ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ވާހަކަ ދައްކައި އެކަލޭގެފާނުގެ ޝަހްސިއްޔަތަށް ބަދުބަސް ބުނެ ތައުހީނުކޮށް، ބީޖޭޕީގެ އިސްތަރުޖަމާނު ފާޅުގައި ބުނެފައިވާ ބަސްތަކަކީ މުޅި އިސްލާމީ އުންމަތާ ދެކޮޅަށް ބުނެފައިވާ ބަސްތަކެއް ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ދެކޭ ކަމަށެވެ.

އަދި ބައިނަލްއަގުވާމީ މުއާހަދާތަކާ ވެސް ހިލާފަށް، އިސްލާމް ދީނަށް ފުރައްސާރަކޮށް އެތައް މުސްލިމުންގެ ލޯތްބާއި ޣައިރު މުސްލިމުންގެ ލޯބިވެސް އެ ޝަހްސިއްޔަތަށް ލިބިގެންވާ، ރަސޫލާގެ ޝަހުސިއްޔަތައް ބަދުބަސް ބުނި ބުނުމަކީ އެއްވެސް މުސްލިމަކު ތަހައްމަލު ކުރާނެ ކަމެއް ނޫން ކަމަށް ވެސް އަދާލަތު ޕާޓީން ބުނެއެވެ.

އެޕާޓީން އިތުރަށް ބުނީ މިފަދަ މީހުން ކިތަންމެ ނުރުހުން ކަމުގައިވީނަމަވެސް އެއްދުވަހުން އަނެއް ދުވަހަށް ރަސޫލާގެ ސިޔަރަތާއި އެކަލޭގެފާނުގެ ޝަހުސިއްޔަތުން ނަމޫނާ ލިބިގަންނަ ޣައިރު މުސްލިމުން ދުނިޔޭގެ ކަންކޮޅުތަކުގައި ގިނަ ވަމުންދާ ކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

ހަމައެހެންމެ އެކަލޭގެފާނުގެ ޝަހްސިއްޔަތުގެ ދިފާއުގައި ތެދުވާނެ އެތައް މިލިޔަން މުސްލިމުން އިންޑިއާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބިކަން ވެސް އެޕާޓީން ވަނީ ބުނެފައެވެ.

އަދި މި ހަޑިމުޑުދާރު އަމަލު އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެޕާޓީން ބުނެއެވެ.

އަދާލަތު ޕާޓީގެ އިތުރުން މިމައްސަލާގައި ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި، ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ކުށްވެރިކުރަމުން ވަނީ މުސްލިމުންނާ ދެކޮޅު ޝިއާރުތަކަކަށް ބީޖޭޕީން ހިތްވަރުދޭ ކަމަށް ތުހުމަތުކޮށްފައެވެ. އަދި މުސްލިމުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމާ އެކު ހުރިހާ ފަރާތެއް ބައިވެރިވާ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޕީޕީއެމް އިން ވަނީ ބީީޖޭޕީއަށް ގޮވާލާފައެވެ.

މީގެ އިތުރުން މުސްލިމުންގެ ރައްކާތެރިކަމާއި ހައްގުތައް ވަކާލާތު ކުރުމުގައި ޕީޕީއެމް އަބަދުވެސް ދެމި އޮންނާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

މިމައްސަލާގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ބީޖޭޕީގެ ގެ ތަރުޖަމާނު ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކޮށް ދެއްކި ވާހަކަ އެމަނިކުފާނާއި އެމަނިކުފާނުގެ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އަދި 2023ގެ ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ވާދަކުރެއްވުމަށް މަސައްކަތް ކުރައްވާ، އުމަރު ނަސީރު ވެސް ވަނީ މިކަންތައް ކުށްވެރިކޮށް އިންޑިއާ ސަރުކާރުން ރަސްމީކޮށް މައާފަށް އެދެން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

މިމައްސަލާގައި ދިވެހި ސަރުކާރާއި އެމްޑީޕީން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.