އަދާލަތު ޕާޓީ އިން އެމްޑީޕީއާއެކު މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ "ލޫޓުވައިފި" މުޒާހަރާގައި ބައިވެރިވުމަށް ނިންމައިފިއެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެ ޕާޓީން ބުނީ ސިޔާސީ ޕާޓީތަކުގެ ހައިސިއްޔަތުން އެމްޑީޕީ އާއި އަދާލަތު ޕާޓީން ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކޮށް، ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ވަގުތު ދެވިއްޖެ ކަމަށާއި، ނަމަވެސް ދައުރު ދެބައިވެގެންދާއިރު ގައުމުގެ ހާލަތު ބޮއްސުންލާފައިވާކަމަށް މިއަދު އެމްޑީޕީއާއެކު ބޭއްވި ބައްދަލުވުމުގައި އެއްބަސްވެފައިވާ ކަމަށެވެ.
އެގޮތުން ގާނޫނު އަސާސީގެ ހައްގުތައް ނިގުޅައިގަނެފައިވާކަމަށާއި، ސަރުކާރުން ކުރާ ވައްކަމަށާއި ހިންގަމުން ގެންދާ ހިޔާނާތުގެ އަމަލުތަކާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދުވަހެއް ދުވަހަކަށް ދައްވަމުން ދާކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ. އެ ޕާޓީން ބުނީ މިކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ހަގީގަތް ނެތިކޮށްލުމަށް މިނިވަން މީޑިއާ ނެތިކޮށްލަން ސަރުކާރުން ކޮށްފައިވާ މަސައްކަތް ކަމަށެވެ.
އަދާލަތު ޕާޓީން ބުނީ އަމިއްލަ ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާ މުޅިން ހުއްޓާލާފައިވީނަމަވެސް ޓެކްސް ނުދެއްކޭ މީހާ ޖަލަށް ލުމަށް ގާނޫނު އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ. އަދި އާސަންދައިގެ މުޅި ނިޒާމް ސަރުކާރުން ހަލަބޮލިކޮށްލާފައިވާކަމަށާއި، އެންސްޕާ މެދުވެރިކޮށް ސިޔާސީ ކަންކަމަށް ހަރަދު ކުރުމުގެ ސަބަބުން ކޮންމެހެން ލިބެންޖެހޭ އާންމު ބޭހާއި ފަރުވާ ނުލިބޭ ކަން ފާހަގަކޮށް އަދާލަތު ޕާޓީން ބުނީ އަނެއްކާވެސް ދިވެހި ރައްޔިތުން މިވަނީ ބޭސްފަރުވާ ހޯދަން ސަލާން ޖަހަން މަޖުބޫރުވެފައިވާ ކަމަށެވެ.
މީގެއިތުރުން ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން އިމާރާތްކޮށްފައިވާ ފްލެޓުތައް ހަވާލުނުކޮށް އެތައް ދުވަހެއް ލަސްކޮށްފައިވާކަމަށާއި، އެ ސަރުކާރުން ހިއްކާ ތަރައްގީ ކުރަން ފެށި ގުޅީފަޅާއި ގިރާވަޅުފަޅު އަދި އުތުރުތިލަފަޅުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.
އިތުރަށް އަދާލަތު ޕާޓީން ބުނީ ފުށިދިއްގަރުފަޅު ހިއްކުމުގެ ނަމުގައިވެސް ރައްޔިތުންގެ ފައިސާއަށް ސަރުކާރުން ދަނީ ހިޔާނަތްތެރިވަމުން ކަމަށެވެ. ރައްޔިތުންގެ ހައްގުތައް ހޯދަން ދާނެތަނެއްވެސް މިއަދު ނެތް ކަމަށާއި، އެހެންކަމުން ގައުމުގެ ހައްގުގައި އިހުތިޖާޖަކީ ކުރުން ކޮންމެހެން މުހިންމު ކަމެއް ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ. އެއާއެކު ވީހާވެސް ގިނަ ބަޔަކު މި އެއްވުމުގައި ބައިވެރިވުމަށް އެ ޕާޓީން ވަނީ އެދިފައެވެ.
ފާހަގަކުރެވޭ ގޮތުގައި އޮކްޓޫބަރު 3 ގައި މި ސަރުކާރުން "ގައުމު ލޫޓުވައިފި"ގެ ނަމުގައި މާލޭގައި ބާއްވާ ބޮޑު އެއްވުމަކީ ސަރުކާރުން، ދިވެހިރާއްޖޭގެ އިގުތިސާދު ފުނޑާލާ، ރައްޔިތުން ބޭސްފަރުވާއިން މަހުރޫމުކޮށް، ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފުގެ ނިޒާމު ސީދާ ރައީސްގެ މުށުތެރެއަށް ގެނެސްފައިވާ ކަމަށް ބުނެ ބާއްވާ އެއްވުމެކެވެ.
އެގޮތުން މިއީ ދައުލަތުގެ މިނިވަން މުސްތަގިއްލު މުއައްސަސާތައް ސަރުކާތުގެ މުށުތެރެއަށް ނަގާފައި ވާތީ، ރައްޔިތުން ތަހައްމަލުކުރަމުންދާ ހާލަތު ސަރުކާރަށް އިއްވައި ދިނުމަށް ބާއްވާ ހަރަކާތެއް ކަމަށްވެސް އެންޑީޕީން ވަނީ ބުނެފައެވެ.
އަދާލަތު ޕާޓީއަކީ މީގެކުރިން މިފަދަ އެއްވެސް ހަރަކާތެއް ހިންގާފައިވާ ޕާޓީއެއް ނޫނެވެ. ރާއްޖޭގައި މި ސަރުކާރު ފިޔަވާ އުފެދުނު އެހެން ހުރިހާ ސަރުކާރުތަކެއްގެ ކޯލިޝަންގައި އަދާލަތު ޕާޓީ ހިމެނިފައިވާއިރު އެ ޕާޓީގެ ރައީސްކަން ކުރައްވާތާ ގިނަ އަހަރުތަކެއް ވެފައިވާ އިމްރާން އަބްދުﷲ ވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަންވެސް ކުރައްވާފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު ބުނާގޮތުން އެ ޕާޓީގައި މި ވަގުތު 8844 މެންބަރުން ތިބިއިރު މި ޕާޓީ ރަސްމީކޮށް އުފެދިފައިވަނީ 2005 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 18 ވަނަ ދުވަހުއެވެ.