އިންޑިއާގެ ވެރިކަން ކުރާ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ 2 މެންބަރަކު، ކީރިތި ރަސޫލާ މުޙައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާ ގުޅިގެން، އެ ޕާޓީއާ ދެކޮޅަށް، ބައިނަލްއަގުވާމީ ޑިޕްލޮމެޓިކް މުޖުތަމައު ތެދުވެއްޖެއެވެ.

ކީރިތި ރަސޫލާ މުޙައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކޮށް، ވާހަކަ ދައްކާފައި ވާ ބީޖޭޕީގެ 2 މެންބަރުންނަކީ އެ ޕާޓީގެ ތަރުޖަމާނެއްގެ މަގާމުގައި ހުރި ނުޕޫރު ޝަރުމާ އަދި ދިއްލީ މީޑިއާ އޮޕަރޭޝަން ހެޑް ނަވީން ކުމާރު ޖިންދަލްއެވެ. ބީޖޭޕީގެ ލިޔެކިއުންތަކަށް ބަލާއިރު އެ 2 މީހުންވެސް މިހާރު ވަނީ ސަސްޕެންޑް ކޮށްފައެވެ.

ކީރިތި ރަސޫލާ މުޙައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އާއި އެކަލޭގެފާނުގެ އަނބިކަނބަލުން ޢާއިޝާ رضي الله أنها އަށް ފުރައްސާރަކޮށް، ޝަރުމާ ވާހަކަދެއްކީ ހުސްވި ހަފުތާގައި އޮތް ޓީވީ ބަހުސެއްގައެވެ. ޝަރުމާއާއެކުގައި މަސައްކަތް ކުރަމުން ދިޔަ ޖިންދަލް ފުރައްސާރަ ކުރީ ޓްވިޓާ ޕޯސްޓެއްގައެވެ.

ބީޖޭޕީގެ ސަރުކާރުގައި މުސްލިމުންގެ ހައްގުތައް ވަނީ އިންތިހާއަށް ނިގުޅައިގެންފައި / ފައިލް ފޮޓޯ: ޑިޕޯލިއާ އޮންލައިން

ބީޖޭޕީގެ ސަރުކާރުގައި އިސްލާމް ދީނާ ދެކޮޅަށް ހިންގާ ޖަރީމާތައް އިތުރުވެފައި ވާ އިރު، މިއީ އެ ސިލްސިލާއަށް އެންމެ ފަހުން އިތުރުވި ބޮޅެވެ. ބީޖޭޕީގެ އިސް މެންބަރުންތަކެއް، ކީރިތި ރަސޫލާ މުޙައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އާއި އެކަލޭގެފާނުގެ އަނބިކަނބަލުން ޢާއިޝާ رضي الله أنها އަށް ފުރައްސާރަކޮށް، ވާހަކަ ދައްކާފައި ވާ އިރު، އެކަމާ ގުޅިގެން އިންޑިއާގައި ހަމަނުޖެހުންތަކެއްވެސް ހިންގާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. ގިނަ ބަޔަކު ދަނީ ޕާޓީ ތަރުޖަމާނު ހައްޔަރު ކުރުމަށްވެސް ޑިމާންޑް ކުރަމުންނެވެ.

ޝަރުމާއާއި ޖިންދަލްގެ އަމަލުތަކާ ގުޅިގެން ކުވައިތާއި ގަތަރުން ވަނީ އެ ގައުމުތަކުގައި ތިއްބަވާ އިންޑިއާގެ އެމްބެސެޑަރުން، އެ ގައުމުތަކުގެ ފޮރިން މިނިސްޓްރީއަށް ހާޒިރު ކުރައްވާފައެވެ. އަދި ޕާކިސްތާނުގެ ފޮރިން މިނިސްޓްރީއިން ވަނީ މެންބަރުންގެ ވާހަކަތައް ކުށްވެރިކޮށް ބަޔާނެއް އާންމު ކޮށްފައެވެ. އަދި އެކަމަށް ބީޖޭޕީއިން އެޅި ފިޔަވަޅަށްވެސް ޕާކިސްތާނުން ވަނީ ފާޑު ކިޔާފައެވެ.

ޕާކިސްތާނު ހާރިޖިއްޔާއިން އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ، އެއްވެސް ހާލެއްގައި ބަލައިގަނެވެން ނެތް އެ ބަސްތަކުގެ އަސަރު ކުރުވީ ހަމައެކަނި ޕާކިސްތާނުގެ ރައްޔިތުންނަކަށް ނޫން ކަމަށާ، މުޅި ދުނިޔޭގެ އެކިކަންކޮޅުތަކަށް ފެތުރިފައިވާ އެތައް މުސްލިމުންނަކަށްވެސް އެ އަސަރު ފޯރާފައި ވާ ކަމަށެވެ.

ބީޖޭޕީގެ މެންބަރުންތަކެއް ހިންގި ދަށު ދަރަޖައިގެ އެ އަމަލަށް، އިންތިހާ ލަހުން އެ ޕާޓީއިން އެޅި ދޯދިޔާ ފިޔަވަޅަކީ މުސްލިމު އުއްމަތުން އުފުލަމުންދާ ވޭނަށް އޮތް އިންސާފެއް ނޫން ކަމަށްވެސް ޕާކިސްތާނުގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

ގަތަރު ފޮރިން މިނިސްޓްރީއިން އިންޑިއާ އެމްބެސެޑަރު ހާޒިރު ކުރެއްވީ، ބީޖޭޕީ މެންބަރުންގެ ފުރައްސާރަކުރުން ކުށްވެރިކުރުމުގެ ގޮތުންނެވެ. ގަތަރުން ވަނީ މެންބަރުން ސަސްޕެންޑް ކުރި ކުރުމަށް މަރުހަބާ ކިއާފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންގެ ކިބައިން އިންޑިއާ ސަރުކާރުން މައާފަށް އެދި، މެންބަރުންގެ އަމަލުތައް ފާޅު ކުށްވެރި ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް ގަތަރުން ވަނީ ހާމަ ކޮށްފައެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި އދއަށް ފަހު، އެންމެ ގިނަ އަދަދެއްގެ ސަރުކާރުތައް ބައިވެރިވާ އެންމެ ވަރުގަދަ އިއްތިހާދު ނުވަތަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިންވެސް ވަނީ އިންޑިއާގައި ވެރިކަން ކުރަމުންދާ ބީޖޭޕީގެ މެންބަރުންތަކެއް ކީރިތި ރަސޫލާ މުޙައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އާއި އެކަލޭގެފާނުގެ އަނބިކަނބަލުން ޢާއިޝާ رضي الله أنها އަށް ފުރައްސާރަ ކުރި ކުރުން ކުށްވެރި ކޮށްފައެވެ. އޯއައިސީގައި 57 މެންބަރު ގައުމު ނުވަތަ އެކު ޖުމުލަ 1.8 ބިލިއަން މީހުންގެ އާބާދީއެއް އޮވެއެވެ.

ސައުދީ އަރަބިއްޔާއިންވެސް ވަނީ ބީޖޭޕީގެ މެންބަރުގެ ވާހަކަ ކުށްވެރިކޮށްފައެވެ. އަދި އެކި ދީންތަކާއި ގަބޫލު ކުރުންތަކަށް އިހުތިރާމް ކުރުމަށްވެސް ސައުދީއިން ވަނީ ގޮވާލާފައެވެ.

2014 ވަނަ އަހަރު އިންޑިއާގެ ވެރިކަމާ ބީޖޭޕީއިން ހަވާލުވި ފަހުން، އިސްލާމް ދީނަށް ފުރައްސާރަކޮށް، މުސްލިމުންނަށް ޖެއްސުން ކުރުމުގެ ޖަރީމާތައް އިންޑިއާގައި ހިންގާ މިންވަރު އިތުރު ވެފައި ވާ އިރު، އެފަދަ އަމަލުތަކުން މިހާތަނަށް އެ ޕާޓީއިން ވަނީ ސިޔާސީ މަންފާވެސް ހާސިލު ކޮށްފައެވެ. ނަމަވެސް މި ފަހަރު ބީޖޭޕީއިން ހިންގި ޖަރީމާއާ ގުޅިގެން ބައިނަލްއަގުވާމީ އިސްލާމީ މުޖުތަމައު މިވަނީ އިންޑިއާއާ ދެކޮޅަށް ތެދުވެފައި ކަން ފާހަގަ ކުރަން ޖެހެއެވެ.

ދިފާއުގައި ބީޖޭޕީއިން ބުނީ އެއީ ހުރިހާ ދީނަކަށްވެސް އިހުތިރާމް ކުރާ ޕާޓީއެއް ކަމަށާ، އެއްވެސް ދީނަކަށް ނުވަތަ އެއްވެސް ދީނީ ޝަހްސަކަށް ފުރައްސާރަ ކުރުމަކީ އެ ޕާޓީއިން ކުށްވެރި ކުރާ އަމަލެއް ކަމަށެވެ. ބީޖޭޕީއަކީ އެފަދަ ކަންކަން ކުރާ މީހުންނާއި އެ ފަލްސަފާ ޕްރޮމޯޓް ކުރާ ޕާޓީއެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

މި ހާލަތުގައި ފާހަގަ ކުރަން ޖެހޭ ކަމަކީ، ކީރިތި ރަސޫލާ މުޙައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އާއި އެކަލޭގެފާނުގެ އަނބިކަނބަލުން ޢާއިޝާ رضي الله أنها އަށް ފުރައްސާރަކޮށް، ބީޖޭޕީގެ 2 މެންބަރުން ދެއްކި ވާހަކަތަކުގެ ކޭހަށް، ސާފު އިބާރާތުން ރިއާޔަތް ކޮށްފައި ނުވާ ކަމެވެ.

މިކަމާ ގުޅިގެން އަރަބި ގައުމުތަކުން ދަނީ އިންޑިއާގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލަމުންނެވެ. އިސްލާމް ދީނާ ދެކޮޅަށް، ބައެއްގެ ހިތުގައި ބިރުވެރިކަން އުފައްދަން، ފަރަންސޭސިވިލާތާއި ޗައިނާގެ ފަހަތުން އިންޑިއާއިންވެސް މަސައްކަތް ކުރަމުން ދާ ކަމަށް އަރަބި ގައުމުތަކުން ބުނެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ގޮތުގައި ސިފަ ކުރަމުން އަންނަ އިންޑިއާގައި ދީނީ މިނިވަންކަމުގެ ހާލަތު، މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ގޯހުން ގޯހަށް ގޮސްފައި ވާ ކަމަށާ، އިންޑިއާއިން ހިންގާފައި ވާ ޖަރީމާތަކާ ގުޅިގެން އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަން ޖެހޭ ކަމަށް، އެމެރިކާގެ ޕެނަލަކުން ވަނީ އޭޕްރިލް 2022 ގައި ގޮވާލާފައެވެ.

ބައިނަލްއަގުވާމީ ދީނީ މިނިވަންކަމާ ބެހޭ އެމެރިކާގެ ކޮމިޝަން (ޔޫއެސްސާފް) އިން އާންމު ކުރި އަހަރީ ރިޕޯޓްގައި އޮން، "ވަކިން ކަންބޮޑުވާންޖެހޭ ގައުމުތަކުގެ" ލިސްޓުގައި އިންޑިއާ ހިމެނި، މިއީ ވިދިވިދިގެން 3 ވަނަ އަހަރެވެ. އިންޑިއާއިން ދަނީ ދީނީ މިނިވަންކަމުގެ ހައްގު ނިގުޅައިގަންނަނިވި އެތައް ޖަރީމާއެއް ހިންގަމުން ކަމަށް، ވަކި ފަރާތަކަށް ނުޖެހޭ، އެމެރިކާގެ މިނިވަން ޕެނަލުން ވަނީ ބުނެފައެވެ.

އިންޑިއާގައި މިހާރުވެސް ހުރި ގާނޫނުތަކުގެ އިތުރުން، އާ ގާނޫނުތައް ހަދައިގެންވެސް ދީނީ ގޮތުން ބައިމަދު ފިކުރުގެ މީހުންނާ އަދާވާތްތެރިވަނިވި ރޫހެއްގައި، ގައުމީ އަދި ސްޓޭޓް ފެންވަރުގައި ހިންދޫ ނަޒަރިއްޔާ، ނިޒާމުގެ ތެރެއަށް ވެއްދުމުގެ ކަންކަން ކުރުމުގައި އިންޑިއާގެ ސަރުކާރު ދެމި އޮތް ކަމަށްވެސް އެމެރިކާގެ ޕެނަލުން ވަނީ ފާހަގަ ކޮށްފައެވެ.

އިންޑިއާގައި ހިޖިބާއި ބުރުގާ މަނާ ކުރަމުން ދާ ދިއުމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ އަޑު އުފުލަމުން / ފޮޓޯ: އިންޑިއާ ޓައިމްސް

މުސްލިމު އަންހެނުން އައުރަ ނިވާ ކުރުމުގެ ގޮތުން ބޭނުން ކުރާ ހިޖާބު ނުވަތަ ބުރުގާ އަޅައިގެން ކުލާސްތަކަށް ހާޒިރުވުން، އިންޑިއާގެ ގިނަ ސްކޫލްތަކާ ކޮލެޖުތަކުގައި މަނާ ކުރި ކުރުމަކީ، ދާދި ފަހުން ހިންގި، މިފަދަ އެއް ޖަރީމާއެވެ.

2021 ވަނަ އަހަރު ނިމެން ދަނިކޮށް ހަރިދްވާރުގައި ހިންދޫ ލީޑަރުންނާއި ބައެއް ސިޔާސީ ފަރާތްތަކުން އެއްވެގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ވާހަކަ ދެއްކި އެކި މީހުން ވަނީ، މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމަކަށް ތައްޔާރު ވުމަށް ގޮވާލާފައެވެ. އެގޮތުން، ހިންދޫންގެ ތެރެއިން 100 އެއްހާ މީހުން ލަޝްކަރު ހަދާ، 2 މިލިއަނެއްހާ މީހުން މަރާ، ކާމިޔާބު ހޯދުމަށް ހިންދޫ އާންމު މަޖިލީހުގެ ސާދުވީ އަންނަޕޫރުނާ މާ ގޮވާލާފައި ވެއެވެ.

އިންޑިއާގެ އާބާދީގެ ނިސްބަތުން ބައި މަދު މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގުމުގެ ރޫހު، އެ ގައުމުގައި ގަދަ ވަމުން އަންނައިރު، ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައިފިނަމަ، އދ ގެ ސާލަމަތީ މަޖިލީހުން ތެދުވަން ޖެހޭ ކަމަށް އދ ގެ ކުރީގެ އިސް އޮފިޝަލު، ހުއާން އީ މެންޑޭޒް ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މުސްލިމުންނާ ދެކޮޅަށް ދެމުންދާ ލާއިންސާނީ އަނިޔާގެ ޝިކާރައަކަށްވެ މަރުވި ފައިޒަންގެ އަޚެއް ކަމަށްވާ ނައީމު (ވ) އެ ވާހަކަތައް މިޑިއާއަށް ކިޔައިދެނީ/ފޮޓޯ: ބީބީސީ

އިންޑިއާގެ މަސްރަހުގައި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން މެންޑޭޒް ވިދާޅުވީ، ވަގުތު ފާއިތުވުމުގެ ކުރިން ބައިނަލްއަގުވާމީ މުޖުތަމައުގެ ދައުރު އަދާ ކުރަން ޖެހޭ ކަމަށެވެ. ވަކިން ހާއްސަކޮށް އދ ގެ އާންމު މަޖިލިސް، ސަލާމަތީ މަޖިލިސް އަދި އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން އަވަސް އިޖާބައެއް ދޭން ޖެހޭ ކަމަށް މެންޑޭޒް ވިދާޅުވިއެވެ.

އިންޑިއާ އަކީ ޒަމާނުއްސުރެ ދިވެހިންގެ އެކުވެރި އަވަށްޓެރިޔާގެ ގޮތުގައި ސިފަކުރަމުން އައި ގައުމެކެވެ. އަދުގެ ސަރުކާރުގެ ވެރިކަމުގައި އެ އަޑު ވަކިން ގަދައެވެ، ދިވެހިރާއްޖެއަށް އެކި ގޮތް ގޮތުން އެހީ ފޯރުކޮށްދޭ ބައިވެރިއެއްގެ ގޮތުގައި އިންޑިއާ އޮތް ކަމީ ސަރުކާރުން ކުރަހާ ދެމުން އަންނަ ތަސްވީރެކެވެ. ހަމަ މި ނޯޓުގައި އދ ގެ އާންމު މަޖިލީހުގެ ރިޔާސަތުގައި މިވަގުތު ހުންނެވީ ދިވެހި ސަރުކާރުގައި ހާރިޖީ ވަޒީރު ކަމުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޢަބްދުﷲ ޝާހިދުކަން ފާހަގަ ކުރަން ޖެހެއެވެ.

ކަން މިހެން އޮތް އިރު، އިސްލާމް ދީނާއި ދެކޮޅަށް އިންޑިއާއިން ހިންގާ ޖަރީމާތަކާ ގުޅިގެން ދިވެހި ސަރުކާރުން އަދި އެއްޗެއް ބުނާ އަޑެއް ނީވެއެވެ. ކީރިތި ރަސޫލާ މުޙައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އާއި އެކަލޭގެފާނުގެ އަނބިކަނބަލުން ޢާއިޝާ رضي الله أنها އަށް ފުރައްސާރަކޮށް، ބީޖޭޕީގެ މެންބަރުން ވާހަކަ ދެއްކި މައްސަލާގައިވެސް ދިވެހި ސަރުކާރު އޮތީ ހިމޭނުންނެވެ. ދިވެހި ހާރިޖިއްޔާގެ ބަހެއް ހޯދުމަށް ދަ ޕްރެސްއިން ކުރި މަސައްކަތަށް، އެ ވުޒާރާއިންވެސް އަދި އިޖާބައެއް ދީފައެއް ނުވެއެވެ.