ދުވަސްތަކެއް ވަންދެން މަޑުޖެހިފައި އޮތުމަށްފަހު، އަވަށްޓެރި އިންޑިއާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ފެންނަމުންދާ މިންވަރު އިތުރު ވާން ފަށައިފިއެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވީ 24 ގަޑިއިރު ތެރޭގައި އެ ގައުމުން 4270 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ދުވާލެއްގެ މައްޗަށް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ރޭޓް، 1 ޕަސެންޓަށް ވުރެ މައްޗަށް އުފުލިފައި ވާ ކަމަށްވެސް ރެކޯޑްތަކުން ދައްކައެވެ. މިއީ ފާއިތުވީ 34 ދުވަހަށް ފަހު، މި ރޭޓް މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އިންޑިއާއިން ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް ވަނީ 1.03 ޕަސެންޓަށް އިތުރުވެފައެވެ. ހަފުތާއެއްގެ ތެރޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ 0.84 ޕަސެންޓްގައެވެ.

މިއަދުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އެކްޓިވް ކޭހުގެ އަދަދު ވަނީ 24052 އަށް އަރާފައެވެ. މަރުގެ 15 ރިޕޯޓާއެކު، ކޮވިޑް ޖެހިގެން އިންޑިއާއިން މަރުވި މީހުންގެ އަދަދު ވަނީ 524692 އަށް އަރާފައެވެ. އެންމެ ފަހުން ރިޕޯޓް ކުރި މަރުގެ 15 ކޭހަށް ބަލާއިރު 13 ކޭހަކީ ކެރަލާއިން ރިޕޯޓް ކޮށްފައި ވާ ކޭސްތަކެކެވެ.

އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި ބަލިޖެހިގެން މަރުވާ މީހުންގެ 70 ޕަސެންޓް ކޭހަކީ، ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުން ދިޔަ ކޭސްތަކެކެވެ.

ލޯކަލްސާކަލްސް އިން ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ސާވޭއިން ދައްކާފައި ވާ ގޮތުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ މަގުބޫލުކަން ވަނީ، ރެކޯޑް މިންވަރަކަށް އުފުލިފައެވެ. ހިޔާލު ހޯދުމުގެ ސާވޭގައި ބައިވެރިވި 64000 މީހުންގެ 67 ޕަސެންޓް މީހުން ވަނީ، ގަބުރު އެންދުމުގެ މަސައްކަތް ކުރާ ތަންތަނާއި، ހޮސްޕިޓަލުތައް ފުރި "ބަންޑުން" ވަމުން ދިޔަ ދަތި ދަނޑިވަޅުގައިވެސް، މޯދީ ވައުދުތައް ފުއްދެވި ކަމަށް ގަބޫލުކުރާކަމަށް ބުނެފައެވެ.