ދުނިޔޭގެ އެހެން ގައުމުތަކުގައި މަގުބޫލުވަމުން އަންނަ ގުރީން ކޮންކްރީޓް ނުވަތަ ލޯ ކާބަން ކޮންކްރީޓް އެސްޓީއޯއިން ތައާރަފްކޮށްފިއެވެ.
އެސްޓީއޯއިން ބުނީ ޒަމާނާއި އެއްގޮތަށް އަދި ޒަމާނީ ވަސީލަތްތައް ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ތައާރަފު ކުރުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ އެ ކުންފުނިން ބާޒާރަށް ނެރެފައިވާ ގްރީން ކޮންކްރީޓްގެ ސަބަބުން ތިމާވެއްޓާއި އެންމެ ރަހުމަތްތެރި ވަސީލަތްތައް އިމާރާތް ކުރުމުގައި ބޭނުންކުރާ ފަރާތްތަކަށް އެފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
ގުރީން ކޮންކްރީޓަކީ އާދާއިގެ ކޮންކްރީޓް ނުވަތަ ކޮންވެންޝަނަލް ކޮންކްރީޓް އާއި އަޅާބަލާއިރު ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށްދީ އަދި ހައިޑްރޭޝަންގެ ހޫނު އާދައިގެ ކޮންކުރީޓަށްވުރެ ވަރަށް ބޮޑަށް ދަށް ކޮންކުރީޓެކެވެ. އަދި އެސްޓީއޯއިން ބުނީ މިއީ ކާބަން ނިއުރަލް ގައުމަކަށްވުމަށް ރާއްޖެ މިސްރާބު ޖަހާފައިވާ މި ދަނޑިވަޅުގައި އެ ކުންފުނިން ކުރިއަށް އެޅި މުހިއްމު ފިޅަވަޅެއް ކަމުގައި ދެކޭ ކަމަށާއި އެ ކޮންކްރީޓް ގަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިހާރު ހުޅުވާލައިފާވާ ކަމަށެވެ.
އެސްޓީއޯއިން އިތުރަށް ބުނީ ގުރީން ކޮންކްރީޓަކީ ރިސައިކަލް ކޮށްފައިވާ ރޯމެޓީރިއަލް ބޭނުންކޮށްގެން އުފައްދާ ކޮންކްރީޓެއް ކަމަށާއި އެ އުފެއްދުމަކީ އާދައިގެ ކޮންކްރީޓާއި ހިލާފަށް ކާބަންޑައި އޮކްސައިޑް މަދުން ބޭރުކޮށް އުފައްދާ ކޮންކްރީޓެއް ކަމަށެވެ. އަދި މިގޮތުން އާދައިގެ ކޮންކްރީޓްގެ ބަދަލުގައި ގްރީން ކޮންކްރީޓް ބޭނުން ކުރުމުގެ ސަބަބުން 10 ޕަސެންޓާއި 15 ޕަސެންޓް އާއި ދެމެދުގެ އަދަދަކަށް ކާބަންޑަ އޮކްސައިޑް ބޭރުކުރާ މިންވަރު ދަށްކޮށްދެއެވެ.