އައްޑޫސިޓީގައި އޮތް ޝަންގްރިއްލާ ރިސޯޓު މިއަހަރު ހުޅުވުމުގެ ފުރުސަތު ކުޑަ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި އޮތް ދެ ރިސޯޓު ކަމަށްވާ ހެރެތެރެ އާއި ޝަންގްރިއްލާ، ކޮވިޑް 19އާ ގުޅިގެން ބަންދުކުރިއެވެ. މީގެ ސަބަބުން އައްޑޫގެ އެތައް ރައްޔިތުންނެއް ވަޒީފާ ގެއްލިގެން ދިޔައެވެ. ދާދި ފަހުން ކެނަރީފް ރިސޯޓު އަލުން ހުޅުވާފައިވާއިރު އަދިވެސް ޝަންގްރިއްލާ ހުޅުވާފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރޭ ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަދައްކަމުން މައުސޫމް ވިދާޅުވީ ޝަންގްރިއްލާ ހުޅުވޭނެ ތާރީހުތައް ނުރަސްމީކޮށް ލިބުނު ނަމަވެސް ސީދާ ކަށަވަރު ނުވަނީސް އެގޮތަށް ލިބޭ ތާރީހުތައް ބުނެވެން ނެތް ކަމަށެވެ.

މިގޮތުން މި ރިސޯޓު ހުޅުވޭނެ ތާރީހު ދޭން އެންމެ ރަނގަޅު ވާނީ އެ ރިސޯޓް ހިންގާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ކަމަށް މައުސޫމް ފާހަގަކުރެއްވިއެވެ.

މައުސޫމް ވަނީ މިހާރު ކުރަން ހުރި މަރާމާތުތައް ކޮން ނިންމާފައި ރިސޯޓު މިއަހަރުގެ ތެރޭގައި ހުޅުވިދާނެ ކަމަށް ނުފެންނަ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މައުސޫމް ވިދާޅުވީ ޝަންގްރިއްލާ ހުޅުވުމުން އައްޑޫގެ އިގްތިސާދަށް މަންފާތަކެއް ކުރާނެ ކަމަށާއި އަދި އުއްމީދަކީ އަވަސް މުސްތަގުބަލެއްގައި ޝަންގްރިއްލާ ހުޅުވިގެންދިޔުން ކަމަށެވެ.